ދިފާއީ ގުޅުން ވަަރުގަދަކުރަން ރާއްޖެ އެމެރިކާގެ ފްރޭމްވާކެއް

ދިވެހިރާއްޖެއާއި އެމެރިކާގެ ދިފާޢީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދެ ޤައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވާރކެއް އެކުލަވާލައިފިއެވެ.

އެމެރިކާގައި ބޭއްވި ޙަފްލާގައި “ފްރޭމްވަރކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް – މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް – ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް”ގެ ނަމުގައި އެކުލަވާލައިފައިވާ މި ފްރޭމްވާރކާ ބެހޭ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

އަދި އެމެރިކާ ސަރުކާރުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވަރނަރ އެވެ.

އެމެރިކާގައި މިއަދު ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، މި ފްރޭމްވަރކްގެ ސަބަބުން، ދިފާޢީ އަދި ސަލާމަތީ ކަންކަމުގައި، ދެޤައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަޙައްދާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެޤައުމުގެ މަޞްލަޙަތާ ގުޅިފައިވާ ކަމަކަށްވާއިރު، ކޯވިޑް-19 ގެ މި ޙާލަތުގައިވެސް، ކަނޑުފޭރުމާއި ނިރުބަވެރިކަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ބައިނަލްއަޤްވާމީގޮތުންނާއި ސަރަޙައްދީގޮތުން، ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ދެޤައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެން ކުރިއަށްދިއުން މުހިންމުކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްއިން ވިދާޅުވީ، މި ފްރޭމްވަރކްގެ ދަށުން، ދެޤައުމުގެ ދިފާޢީ ވުޒާރާއިން ގުޅިގެން، އިތުރު ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

އޭގެ ތެރޭގައި، ދެޤައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާޢީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ޙަރަކާތްތައް ހިންގުމަށް ފުރުޞަތު ތަނަވަސްކުރުމާއި، މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ޤުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ޙާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނޭކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!