ފިލްމަކަށް ދިޕިކާގެ އިސްތަށިގަނޑަށް ގެނައި ބަދަލު ސަޅިދޯ!

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ދިޕިކާ ޕަޑުކޯންގެ ކުރިއަށް އޮތް ފިލްމެއްގެ ޝޫޓިންގ އަށް އޭނާގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

‘ފިލްމެފެއާ’ އިން ޓުވީޓުކުރި ފޮޓޯތަކަކުން ފެންނަނީ ދިޕިކާގެ އިސްތަށިގަނޑު ކޮށާލައި، ވަރަށް ބޮޑަށް ހައިލައިޓު ކޮށްފައިވާ ތަނެވެ. އެއާއެކު މިހާރު އޭނާގެ ފޭނުން އަންނަނީ އެ ސްޓައިލް ވަރަށް ކަމުދާ ކަމަށްބުނެ ތައުރީފު ކުރަމުންނެވެ.

34 އަހަރުގެ ބަތަލާގެ އިސްތަށިގަނޑަށް ބަދަލު ގެނެސްފައި މިވަނީ، ޝަކުން ބަޓްރާގެ އާ ފިލްމުގެ ޝޫޓިން ގޯއާގައި ފެށުމުގެ ތައްޔާރީތަކުގެ ތެރެއިންނެވެ. ޝަކުންގެ އާ ފިލްމަކީ ވަރަށް ތަފާތު ވާހަކައަކަށް ހަދާ ޑާކް ރިލޭޝަންޝިޕް ތުރިލާއެކެވެ. ނަން އަދި އިއުލާންނުކުރާ ފިލްމުގެ ކާސްޓްގައި ސިދާންތު ޗަތުރަވެދީ އާއި އަނަންޔާ ޕާންޑޭ ވެސް ހިމެނެއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން އަމާޒު ހިފާފައިވާ މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ.