އަންކިތާގެ ދިފާޢުގައި ދެވޮލީނާ ނުކުތުމުން ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދުދީފި

ޖޫން މަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ މީސްމީޑިއާގައި ސުޝާންތަށް އިންސާފު ހޯދައިދިނުމުގެ ނަމުގައި އުޅެނީ މަޝްހޫރުކަން ހޯދަން ކަމަށްބުނެ ވީޖޭ-މޮޑެލް ޝިބާނީ ދަންދޭކަރް ކުރި ޓުވީޓަށް ރައްދުދީ އަންކިތާ ދިފާއުކުރުމުން ޓީވީ އެކްޓްރެސް ދެވޮލީނާ ބަޓަޗަރަޖީ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެގޮތުން އަންކިތާގެ ދިފާޢުގައި ދެވޮލީނާ އެންމެފުރަތަމަ ކުރި ޓުވީޓުގައި ބުނީ ޝިބާނީ އަކީ ކޮންމެ މީހަކަށް ވިޔަސް، “ދެ ސިކުންތުގެ މަޝްހޫރުކަމެއް” އެ ލިބުނީ އަންކިތާއާ ދިމާކޮށްލައިގެން ކަމަށެވެ. އަދި އެއީ ބޮޑުވަރު ކަމަށާއި، އެކަހަލަ މީސް މީހުން އަންނަނީ ކޮންތާކުންތޯ އާއި، ދިރިއުޅެނީ ކޮން ދުނިޔެއެއްގައިތޯ ދެވޮލީނާ ސުވާލުކޮށްފައިވެއެވެ.

ނަމަވެސް ޓުވިޓާ ބޭނުންކުރާ ބައެއް މީހުން ވަނީ އެ ޓުވީޓާ ގުޅިގެން ދެވޮލީނާއަށް ފާޑުކިޔައިފައެވެ. ރިއާގެ ސަޕޯޓަރުންގެ ގޮތުގައި ބެލެވޭ އެމީހުން ވަނީ ދެވޮލީނާ އަކީ ވެސް މީގެ ކުރިން ފުލުސް އޮފީހާއި ކޯޓަށް ގެންދިޔަ މީހެއް ކަން ހަނދާންކޮށްދީފައެވެ. އެއާއެކު އެކަމަށް ރައްދުދެމުން ދެވޮލީނާ ބުނީ ކަލާނގެ ރަހުމަތްފުޅާއެކު އެކަހަލަ ކަމެއް އޭނާއަށް ކުރިމަތިނުވާ ކަމަށެވެ. އަދި އެ ޓުވީޓު ކުރި މީހާއަށް ވެސް އެކަހަލަ ކަމެއް ދިމާނުވުމަށް އެދޭ ކަމަށާއި، ބަލައިގެން އުޅުމަށް ދެވޮލީނާ ބުންޏެވެ.

އަނެއްކާވެސް އިތުރު މީހަކު ދެވޮލީނާއަށް ފާޑުކިޔަމުން ބުނީ، މީހެއްގެ މަރުގެ މައްސަލައިގައި ދެވޮލީނާއާ ވެސް މީގެކުރިން ސުވާލުކުރެވުން ކަމަށާއި، ރިއާއާ ވެސް އެފަދައިން ސުވާލު ކުރެވެމުންދާ ކަމަށެވެ. “އޭނަގެ ކުށެއް އޮތްކަން އަދި ސާބިތެއް ނުވޭ”، އެ މީހާ ލިޔެފައިވެއެވެ. އެމީހާ އިޝާރާތް ކޮށްފައި އެވަނީ 2018 ވަނަ އަހަރު ޖަވާހިރުގެ ވިޔަފާރި ކުރަމުންދިޔަ ރާޖޭޝްވަރް ކިޝޯރްލާލް އުދާނީ ނަމަކަށް ކިޔާ މީހެއްގެ މަރުގެ ތަހުގީގުގައި ދެވޮލީނާއާ ސުވާލު ކުރެވުމުންނެވެ. އެދުވަސްކޮޅު މީޑިއާތަކުގައި އެކި ގޮތްގޮތަށް އެވާހަކަ ދެކެވުނެވެ.

ނަމަވެސް އެ ކޮމެންޓަށް ރައްދުދެމުން ދެވޮލީނާ ބުނީ އޭނާގެ ކޭސްގައި މީޑިއާއިން މާ ބޮޑުވަރު ކޮށްލި ކަމަށާއި ސަބަބަކީ އެއްވެސް ހަގީގަތެއް ނޭނގިތިބެ އޭނާ ހައްޔަރުކުރީ ކަމަށްބުނެ މީޑިއާތަކުން ޙަބަރު ފެތުރުމުން ކަމަށެވެ. “އެކަމަކު މިއަދު އަހަރެން މިހުރީ މިތާ”.

އެއާއެކު ދެވޮލީނާ ބުނީ އޭނާ ދުވަހަކުވެސް މަސްތުވާކެތި ބޭނުންކޮށްފައި ނުވާނެ ކަމަށާއި، އެފަދަ އެއްޗެއް އެހެން މީހަކަށް ދީ، ނުވަތަ މީހެއްގެ ފައިސާއަށް ހިޔާނަތްތެރިވެފައި ވެސް ނޯންނާނެ ކަމަށެވެ. “އަހަރެން މިބުނި އެއްޗެއް އެނގޭނެ ކަމަށް ހީކުރަން”.

ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާ ދެކޮޅަށް ސުޝާންތުގެ އާއިލާއިން ހުށަހެޅި މައްސަލައިގައި ރިއާ ސުޝާންތުގެ ފައިސާއަށް ޚިޔާނާތަތްރިވި ކަމާއި، ދިރިއުޅުމަށް ނުފޫޒު ފޯރުވައި މަރުވުމަށް ހިތްވަރު ދިނުން ފަދަ ތުހުމަތުތައް ކޮށްފައިވެއެވެ. ނަމަވެސް ރިއާ މިވަގުތު ހައްޔަރު ކޮށްގެން ތަހުގީގު ކުރަމުން އެދަނީ އެ މަރުގެ މައްސަލައާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!