ސާރާ އަލީ ޚާނާއި ރަކޫލް ޕްރީތު ވެސް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ރިއާ ބުނެފި!

ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގާއެކު ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާ އެކްޓްރެސް ރިއާ ޗަކްރަބަތީ މަސްތުވާތަކެއްޗާ ގުޅުން ހުރި ބޮލީވުޑްގެ އިތުރު ތަރިންތަކެއް ނަން ހާމަކޮށްފިއެވެ.

‘ޕިންވިލާ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރިއާ ވަނީ ބޮލީވުޑްގެ އޭ-ލިސްޓު 25 ތަރިންނެއްގެ ނަން ތަހުގީގަށް ހާމަކޮށްފައެވެ. އަދި އޭގެތެރެއިން މީޑިއާއަށް ތިލަވެފައިވާ ވަނީ ތިން ނަމެއް ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ ޒުވާން ބަތަލާ ސާރާ އަލީ ޚާނާއި، ރަކޫލް ޕްރީތު ސިންގާއި ފެޝަން ޑިޒައިނަރު ސިމޯން ކަމްބަތާއެވެ.

ސިމޯން ކަމްބަތާ އާއި ރިއާ. ސިމޯން އަކީ އެކްޓަރު ރަންވީރް ސިންގްގެ ވަރަށް ގާތް އެކުވެރިއެއް.

ރިއާ ކިޔައިދިން ގޮތުގައި، ސުޝާންތާއި ރިއާއާއެކު އެ ތިން މީހުން ވެސް ވަނީ މަސްތުވާތަކެތި ބޭނުންކޮށްފައެވެ. އޭގެތެރެއިން ސާރާ އަކީ ސުޝާންތާއެކު ކުޅުނު ފިލްމު “ކޭދަރުނާތު”ން  ބޮލީވުޑަށް ތަޢާރަފްވި އެކްޓްރެސް އެކެވެ. އަދި އެދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ހިނގި ކަމަށްވެސް އަޑުފެތުރިފައިވެއެވެ. އަނެއްކޮޅުން ރަކޫލް ޕްރީތަކީ ރިއާގެ އެކުވެރި އެކްޓްރެސްއެކެވެ.

ސުޝާންތާއި ސާރާ

ރިއާ އިތުރަށް ކިޔައިދިން ގޮތުގައި، ސުޝާންތު މަސްތުވާތަކެއްޗަށް ދެވިހިފީ 2016 ވަނަ އަހަރު “ކޭދަރުނާތު” ކުޅެން އުޅުނު ދުވަސްވަރެވެ. އަދި ރިއާގެ ކޮއްކޮ ޝޮވިކް ޗަކްރަބަތީ މެދުވެރިކޮށް ސުޝާންތަށް މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ރިއާ ވަނީ އެއްބަސްވެފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، މަސްތުވާތަކެތީގެ މައްސަލައިގައި ރިއާ ހައްޔަރުކުރާ ނަމަ ބޮލީވުޑްގެ 80 އިންސައްތަ ތަރިން ވެސް ހައްޔަރުކުރެވެން ޖެހޭނެ ކަމަށް ރިއާ ބުނެފައިވާ ކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!