އިދިކޮޅު ފަރާތްތަކުން އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލަނީ ސިޔާސީ ފައިދާއެއް ހާސިލު ކުރަން: ރޮޒެއިނާ

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގޮތް ގުޅުމަށް ހިތްހަމަ ނުޖެހި އިންޑިއާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީންގެ މެމްބަރުން މަސައްކަތް ކުރަނީ ލިބޭ ވަކި ސިޔާސީ ފައިދާއެއް ހާސިލު ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އިދިިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމާ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި، އިންޑިއާ ދެކޮޅަށް ނުކުމެ މަސައްކަތް ކުރަނީ ލިބޭ ވަކި ސިޔާސީ ފައިދާތަކެއް ހާސިލު ކުރުމަށް ކަމަށެވެ.

އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކުރައްވައި މެމްބަރު ރޮޒެއިނާ ވިދާޅުވީ ރާއްޖެއަށް އެހީވެދޭ ގައުމުތައް ކަމަށްވާ ޗައިނާ އަދި އިންޑިއާ އަށް އެއްޗެހި ކިޔަން ނުޖެހޭ ކަމަށެވެ. ގައުމުގެ ތަރައްގީ އަށް އެހެން ގައުމުތަކުން ކޮށްދޭ ކަންކަން ބަލައިގަންނަކަން މެމްބަރު ފާހަގަކުރެއްވިއެވެ.

”އިންޑިއާ އައުޓް” ހޭޝްޓެގަށް އަލިއަޅުއްވާލައްވައި މެމްބަރު ރޮޒެއިނާ ވިދާޅުވީ މިކަމުގެ ސަބަބުން އިންޑިއާގެ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ކަމަށެވެ. އަދި މިއީ ރައްޔިތުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.

” ހޭޝްޓެގުން ވަނެ ކަމަކީ އިންޑިއާގެ ރައްޔިތުންގެ މެދުގައި ހަމަ ނުތަނަވަސްކަން އުފެދޭނެ ތެދެއްތޯ އިންޑިއާއިން އެހާ ބޮޑެތި އެހީތެރިކަން ރާއްޖެއަށް ވަމުންދާއިރު ރާއްޖޭގެ ރައްޔިތުން އެމީހުންނާ ދޭތެރޭގައި މިގޮތަށް ދެކޭ ކަމަށް ފެންނަ ކަމަށްވަންޏާ. ހަގީގަތުގައި ޕީޕީއެމްގެ ނުވަތަ އޮޕަޒިޝަންގެ މިޕާޓީތަކުގެ ބޭނުމަކީ އެގޮތަށް ވިޔަސް އިންޑިއާ ރުޅިއަރުވާލާގެން ވިޔަސް އިންޑިއާއިން އަޅުގަނޑުމެންނަށް މިހާރު އެފޯރުކޮށްދޭ އެހީތެރިކަން ހުއްޓުވާލުން. އެހުއްޓުވާލީމަ އަސްލު އެބޭފުޅުންނަށް އޭގެން ސިޔާސީ ގޮތުން ލިބޭ ފައިދާތަކެއްގެ ބޭނުމުގަ ހަގީގަތުގައި ރާއްޖެއަށް އަންނަން އޮތް ތަރައްގީއަށް ހުރަސްއެއަޅަނީ. އެއީ ރާއްޖެއަށް އެންމެ ހެޔޮ ނިޔަތުގައި ޕީޕީއެމް މީހުން ކުރާ ކަމެއް ނޫން.” ރޮޒެއިނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!