އިންސާނީއްޔަތަށްޓަކައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ދިވެހިން ރެޑް ކްރެސެންޓްގެ ސައިކޯ ސޯޝަލް ސަޕޯޓްގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރަން 30 ވޮލެންޓިއަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ.
ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ހޮނިހިރު ދުވަހުގެ ކުރިން ރެޑްކްރެސެންޓްގެ ވެބްސައިޓް އަށް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ރެޑް ކްރެސެންޓުން ބުނީ، 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވޮލެންޓިއަރަަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ރެޑް ކްރެސެންޓުން އަންނަނީ ދަރުބާރުގޭގައި ގާއިމްވެ ތިބެގެން މެދު ނުކެނޑި ނަފްސާނީ އެހީތެރިކަން ދެމުންނެވެ. ނަމަވެސް މިހާރު ކޯލް ސެންޓަރުގެ މަސައްކަތްތައް ކުރިޔަށް ދަނީ ”ރިމޯޓްކޮށް” ގޭގައި ތިބެގެންނެވެ.
ރެޑް ކްރެސެންޓްގެ ސައިކޯ ޝޯޝަލް ސަޕޯޓް އޮޕަރޭޝަންސްގެ ޕްރޮގްރާމް އޮފިސަރު އަފާ މުހައްމަދު ”ރާއްޖެ.އެމްވީ” އަށް ވިދާޅުވީ، ކޮވިޑުގެ ބަލި ފެތުރެެން މާލެއިން ފެނުނު ހިސާބުން ފެށިގެން އެ ޖަމްއިއްޔާއިން އަންނަނީ ނަފްސާނީ އަދި އިޖްތިމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަންތައް ފޯރުކޮށްދެމުން ކަމަށެވެ. ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަނީ އެކަަމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ރެޑް ކްރެސެންޓުގެ ކޯލް ސެންޓަރުގައި މިހާރުގެ މަސައްކަތް ކުރަމުންދަނީ 20 ވޮލެންޓިއަރުންނާ އެކުއެވެ.