މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ މިދައުރުގެ 13 މެންބަރުންގެ މުއްދަތު، 11 ޑިސެމްބަރ 2020 ގެ ނިޔަލަށް ހަމަވާތީ، އެ ކައުންސިލަށް މެންބަރުން ޢައްޔަންކުރަން ނިންމާފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 13 މެންބަރުންގެ ތެރޭގައި ހިމެނެނީ މީޑިއާ ތަމްސީލު 7 މެންބަރުންނާއި އާންމު 6 މެންބަރުންނެވެ. ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.

މީޑިއާ ތަމްސީލު ކުރާ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި ކަނޑައަޅާފައިވާ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތަކު ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލްގެ މަޤާމުތަކަށް ވާދަކުރަން އެދޭ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ހުށަހަޅަން ޖެހޭ ތަކެއްޗާއެކު ހޯމް މިނިސްޓްރީއަށް އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!