ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނައިން ޕޮޒިޓިވްވީ ބިދޭސީ މުވައްޒަފުން

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުުރުމަށްފަހު ބޯޑަރު އަލުން ހުޅުވާލިފަހުން އެންމެ ގިނައިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސީ މުވައްޒަފުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ ބުދަ ދުވަހާއި ހަަމައަށް 23 ރިސޯޓަކުން 65 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެތެރޭގައި 43 ބިދޭސީ މުވައްޒަފުންނާއި، 05 ދިވެހި މުވައްޒަފުން އަދި 17 ފަތުރުވެރިން ހިމެނޭ ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް މާރޗް މަހުގެ 27 ވަނަ ދުވަހު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހިނގާ ސެޕްޓެމްބަރު މަހުގެ 8 އާ ހަމައަށް ރާއްޖެ އައިސްފައިވަނީ 11629 ފަތުރުވެރިން ކަމަށެވެ.

އެގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސް ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިންނެވެ، ތިންވަނައިގައި އެމެރިކާ އޮތްއިރު ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނި ސްޕެއިންއިންނެވެ.

ފަސްވަނައިގައި ރަޝިޔާ، ހަވަނައިގައި އޮތީ ޖާމަނީ އެވެ. ހަތް ވަނައިގައި ފްރާންސް އަދި އަށްވަނައިގައި ޔުކްރެއިން، ނުވަވަނައިގައި ހިމެނެނީ ބްރެޒިލް އެވެ. ދިހަވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިސްރުންނެވެ.

މި ހިނގާ ސެޕްޓެމްބަރު 9 ވަނަަ ދުވަހުން ފަތުރުވެރިންނާއި ކުރު މުއްދަތަކަށް ރާއްޖެ އަންނަ މީހުން ރާއްޖެ އައުމުގެ ކުރިން ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަދި އެއީ 72 ގަޑިއިރު ހަމަނުވާ ނަތީޖާއަކަށް ވާންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!