ހދ. ކެލާ އަދި ހއ. ދިއްދޫ ގައި ހޯމް ކަރަންޓީންގައި ތިބި ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފައިވަނި ކެލާ އަދި ދިއްދޫގައި ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓް ކުރި ދެ މީހަކު ކޮވީޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ކެލާ ކައުންސިލުން ބުނީ ހޯމް ކަރަންޓީންގައި ހުރި 5 މީހެއްގެ ސާމްޕަލްގެ ތެރެއިން އެކަކުގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެޗްއީއޯސީން ބުނީ ޕޮޒިޓިވް ވެފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި ދިއްދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 22 އަހަރުގެ ދިވެހި އަންހެނެކެވެ.
އިއްޔަ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވަނީ 66 މީހަކެވެ. ޕޮޒިޓިވްވި 66 މީހުންގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 16 ބިދޭސީއެކެވެ.
އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 8900 އަށް ވަނީ އަރާފަ އެވެ. މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 2304 ގައި އުޅޭއިރު ރަނގަޅުވި އަދަދު އުޅެނީ 6559 ގަ އެވެ.