ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން އެއްސްކޫލެއްގައި ހުރެވޭނީ 8 އަހަރު

އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 8 އަހަރުކަމަށް ހަމަޖައްސާ ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލް އާންމުކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ މިއުސޫލު މިހާރުވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލަކީ ސަރުކާރުގެ ސްކޫލްތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލްތަކަށް އެންމެ އެކަށީގެންވާ ޤާބިލު ޕްރިންސިޕަލުން އައްޔަންކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ. އަދި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލުހޯދުމާއެކު، އައު ޚިޔާލުތަކާއި އައު ވިސްނުންތަކަށް ބިނާކޮށް ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމަކީވެސް މިއުސޫލް އެކުލަވާލުމުގެ މަޤްޞާދުކަމަށް ބަޔާންކޮށްފައިވެއެވެ.

މިއުސޫލުގައިވާގޮތުން ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދުމަށް އިއުލާން ކުރަންވާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާއެއްގޮތަށެވެ. އަދި ޕްރިންސިޕަލުންގެ މަޤާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ “ތަޢުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުޞޫލު” ގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށްކަމަށާއި، ޕްރިންސިޕަލުންގެ މަޤާމަކީ ސިވިލް ސަރވިސްގެ “ދާއިމީ” ގިންތީގައި ހިމެނޭ މަގާމަކަށްވާތީ، އެމުވައްޒަފުންނާމެދު އަމަލުކުރެވޭނީ ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން ދާއިމީ ގިންތީގެ މުވައްޒަފުންނާމެދު ޢަމަލުކުރާ އުސޫލުންކަމަށް މިއުސޫލުގައި ބުނެފައިވެއެވެ. އަދި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައަޅާނީ ކޮމިޓީއަކުންކަމަށްވެސް މިއުސޫލުގައި ބުނެފައިވެއެވެ.

އެގޮތުން ޕްރިންސިޕަލުންގެ ޓެނުއަރޝިޕްގެ މުއްދަތުގައި ވަޒީފާއަދާކުރާނެ ސްކޫލެއް ކަނޑައެޅުމަށްޓަކައި މިނިސްޓަރ އޮފް އެޑިއުކޭޝަންގެ ލަފާގެ މަތިން ޕަރމަނަންޓް ސެކްރެޓަރީ ހިމެނޭގޮތަށް 5 މެންބަރުންގެ ދާއިމީ ކޮމެޓީއެއް ޕަރމަނަންޓް ސެކްރެޓަރީ އެކުލަވާލަންވާނެކަމަށްވެސް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިއުސޫލުގައި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައެޅުމުގައި ބަލާ މިންގަނޑުގެ ތެރޭގައި ބުނެފައިވަނީ، ޕްރިންސިޕަލުންގެ މަގާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އޮނިގަނޑުގެ ދާއިމީ މަޤާމެއް ކަމުގައިވީނަމަވެސް، ޕްރިންސިޕަލުންގެ މަޤާމުގައި ތިބޭ މުވައްޒަފުން ތިބެންވާނީ އެމަގާމެއްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ ސްކޫލެއްގައި ޓެނުއަރޝިޕްގަކަމަށެވެ. އަދި ޕްރިންސިޕަލުންގެ ޓެނުއަރޝިޕްއަކީ ޕްރިންސިޕަލްގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރުމަށް ސަރުކާރުގެ ވަކި ސްކޫލަކަށް އައްޔަންކުރެވޭ މުއްދަތެއްކަމަށާއި، އެގޮތުން ސަރުކާރު ސްކޫލެއްގައި ޕްރިންސިޕަލް މަގާމުގައި ތިބޭ މުވައްޒަފުންގެ ޓެނުއަރޝިޕް މުއްދަތަކީ މީލާދީ 4 އަހަރުކަމަށް ބުނެފައިވެއެވެ. އަދި އެއް ސްކޫލެއްގައި ޕްރިންސިޕަލްގެ މަޤާމުގައި އެއްފަރާތަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން ޖުމްލަ 8 އަހަރުގެ މުއްދަތަކަށް ކަމަށްވެސް މިއުސޫލުގައި ކަނޑައަޅާފައިވެއެވެ.

ޓެޖެނުއަރޝިޕް އުސޫލުން ޕްރިންސިޕަލުން ސުކޫލްތަކަށް ހަމަޖެއްސުމަށްޓަކައި އިންޓަރނަލް އިއުލާން ކުރަންވާނެކަމަށާއި، މިގޮތުން ކުރެވޭ އިއުލާނުގައި އެވަގުތު ޕްރިންސިޕަލުން ޓެނުއަރޝިޕް އުޞޫލުން ހަމަޖައްސަން ބޭނުންވާ ސްކޫލްތައް ބަޔާން ކުރަންވާނެކަމަށްވެސް ބުނެފައިވއެވެ. އަދި ޓެނުއަރޝިޕް އުޞޫލުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލެއް ކަނޑައަޅާނީ ޕްރިންސިޕަލުން ވަޒީފާއަދާކުރާނެ ސުކޫލް ކަނޑައަޅާ ކޮމެޓީންކަމަށް ކަނޑައަޅާފައިވާއިރު، ސްކޫލްތަކަށް ޕްރިންސިޕަލުން ހަމަޖެއްސުމުގައި ޕަރފޯމަންސް އެޕްރައިޒަލްއަށް 50 މާރކްސް އަދި އިންޓަރވިއުއަށް 50 މާރކްސް ވަނީ ކަނޑައަޅާފައެވެ.

މިއުސޫލު އާންމުކުރާ ދުވަހުންފެށިގެން މިއުސޫލަށް ޢަމަލުކުރެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!