ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް ޢިމާރާތްކުރާނެ ބަޔަކު ހޯދަނީ

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ތިލަދުއްމަތީ އުތުރުބުރީ ކުޅުދުއްފުށްޓާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިިއެވެ.

އަލަށް ތަރައްޤީކުރާ މިދެހޮސްޕިޓަލު އިމާރާތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދިހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ މަސައްކަތްތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ޓީ، އުސޫލުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.

ކުޅުއްދުއްފުށްޓާއި، ތިނަދޫގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ މަޝްރޫޢުއަކަށް 2.3 މިލިއަން ރުފިޔާއެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރަށް ފަސް ހޮސްޕިޓަލް ތަރައްޤީކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ. ރާއްޖޭގެ 5 ސަރަހައްދުގައި ތަރައްޤީކުރާ ޓާޝިއަރީ ހޮސްޕިޓަލުތައް މިއަހަރު ނިންމުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓަރ ވަނީ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ 5 ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ސަރަހައްދުތަކަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނަރީތަކުގެ 90 އިންސައްތަ ހަމަކުރެވިފައިވާކަމަށާއި، އެތަންތަނަށް ބޭނުންވާ މުވައްޒަފުންގެ ގިނަ ބަޔަކު ހަމަކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!