އަންކިތާ އުޅެނީ މަޝްހޫރުކަން ހޯދަން ކަމަށް ޝިބާނީ ބުނުމުން ފޭނުން ރައްދުދިނީ މަޖާ ގޮތަކަށް

ޖޫން މަހު ދަންޖެހިގެން މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ އަށް ފާޑުކިޔައި ޓުވީޓުކުރި ވީޖޭ-މޮޑެލް ޝިބާނީ ދަންދޭކަރަށް އަންކިތާގެ ފޭނުން ރައްދުދީފިއެވެ.

ސުޝާންތުގެ މަރުގެ ވާހަކަ ބޭނުންކޮށްގެން އަންކިތާ އެއުޅެނީ ރިއާ ޗަކްރަބަތީގެ ބޮލަށް ހުރިހާ ކަމަށް ކަނޑާލައިގެން މަޝްހޫރުކަން ހޯދަން ކަމަށްބުނެ ޝިބާނީ ކުރި ޓުވީޓަށް ރައްދުދިން ފޭނުން ވަނީ ޝިބާނީ އަކީ ކާކުތޯ އަހައިފައެވެ. އަދި އަންކިތާ ރިއާއަށް ވުރެ ހުރިހާ ގޮތަކުން ވެސް މަޝްހޫރުކަމަށް ބުންޏެވެ.

މީގެ އިތުރުން ފޭނުން ވަނީ ޝިބާނީގެ ފޮލޯވަރުންނަކީ އަންކިތާގެ ފޮލޯވަރުންނާ ބަލާފައި އޭގެ ދެބައިކުޅަ އެއްބައި ކަމަށްބުނެ ޖޯކުވެސް ޖަހައިފައެވެ. “ބަޔަކަށް ޝިބާނީ އެނގެންޏާ އެނގޭނީ ފަރްހާން އަޚްތަރުގެ ލޯބިވެރިޔާގެ ގޮތުގަ”، އެކަކު ފާހަގަކުރިއެވެ.

އަދި އަންކިތާގެ ނަން ބޭނުންކޮށްގެން މަޝްހޫރުކަން ހޯދަން އުޅޭ މީހަކީ ޝިބާނީ ކަމަށް ވެސް އެއްބަޔަކު ބުނެފައިވެއެވެ. “ރިއާގެ ބެސްޓުފްރެންޑަށް ވީތީ އޭނަ ދިފާއު ކުރަންށޭ ކިޔައިގެން ކަލޭ ވެސް ތި އުޅެނީ ސަލާމުކަން ހޯދަން”، އެކަކު ލިޔެފައިވެއެވެ.

އަންކިތާ މަޝްހޫރުކަން ހޯދަން އުޅޭކަމަށް ބުނުމުން އޭނާ ވަނީ އިންސްޓަގްރާމުގައި ވަރުގަދަ ރައްދެއް ދީފައެވެ. އެގޮތުން އެ ޕޯސްޓުގައި އަންކިތާ ވަނީ އޭނާގެ އެކްޓިންގ ކެރިއަރުގެ ކުރު ޚުލާސާއެއް ދީފައެވެ. އަދި މަޝްހޫރުކަމަކީ ގިނަ ބަޔަކަށް ތިމާ އެނގިގެން ލިބޭ އެއްޗެއް ނޫން ކަމަށާއި، އެއީ މީހުންގެ ލޯތްބާއި އިހުތިރާމު ލިބިގެން ހޯދޭ އެއްޗެއް ކަމަށް އަންކިތާ ބުނެފައިވެއެވެ.