ކޮރޯނާވައިރަހަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ އެއްޗެއް: ސާރާ

އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓްރެސް ސާރާ ޚާން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފިއެވެ.

View this post on Instagram

🙏🙏🙏

A post shared by sara Khan (@ssarakhan) on

31 އަހަރުގެ ބަތަލާ މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމާބެހޭ ފަރާތްތަކުން އެންގި އެންގުމުގެ މަތިން ގޭގައި ކަރަންޓީނު ކުރަމުންދާ ކަމަށެވެ. އަދި އޭގެފަހުން މުނިފޫހިފުލުމުގެ ޙަބަރުތައް ގެނެސްދޭ ނޫހަކާ ވާހަކަ ދައްކަމުން ސާރާ ވަނީ އޭނާގެ ހާލަތު އިތުރަށް ކިޔައިދީފައެވެ.

އެގޮތުން ސާރާ ބުނީ، އޭނާއަކީ މާ ގިނައިން ބޭރަށް ގޮސް އުޅުނު މީހެއް ނޫން ކަމަށާއި، ހަމައެކަނި ދަނީ ޝޫޓިންގ އަށް އެކަނި ކަމަށެވެ. އެހެންކަމުން ކޮރޯނާވައިރަސް ޖެހުނީ ޝޫޓިންގ އިން ނުވަތަ މަގުމަތީގައި ހުންނަ ޓޯލް ޕްލާޒާ އަކުން ކަމަށް ބެލެވޭ ކަމަށް ބުންޏެވެ. “މީގެ އެނގޭ އެއްޗަކީ ކޮންމެ މީހަކަށް ވެސް މި ބަލި ޖެހިދާނެކަން. އެހެންވީމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އާންމު ކަމަކަށް ހަދަން އެބަޖެހޭ. ވަކި މި ވައިރަހާ ހެދިއެއް ނޫން ދުޅަހެޔޮ ސިއްހަތެއް އުޅެންވީ”.

މީގެ އިތުރުން ސާރާ ބުނީ އޭނާ ދިރިއުޅެނީ މައިންބަފައިންނާއެކު ކަމަށްވުމުން، އެމީހުން ވެސް ޓެސްޓު ކުރާނެ ކަމަށެވެ. “އަހަރެންގެ ގައިން އަލާމާތްތައް ނުފެނުނަސް މިވަނީ ޕޮޒިޓިވްވެފަ. އެހެންވީމަ އަހަރެން ކައިރީގަ އުޅުން އެންމެވެސް ޓެސްޓުކުރުމަށް ނަސޭހަތްތެރިވަން”، ސާރާ ބުންޏެވެ.

ހަމައެހެންމެ ސާރާ ބުނިގޮތުގައި އޭނާ އުޅުނީ މި މަހު 17 ގައި ޝޫޓިންގ އަކަށް ކަޝްމީރަށް ފުރަން ކަމަށާއި، ނަމަވެސް މިވީ ގޮތުން އެ ޝޫޓިންގ ޖެހޭނީ ރީޝެޑިއުލް ކުރަން ކަމަށެވެ.

ކޮވިޑުން ޝިފާ ހޯދުމަށް ސާރާ ބޭނުން ކުރަމުން ދަނީ ގުދުރަތީ ފަރުވާ ކަމަށް އޭނާ ހާމަކުރިއެވެ. “އަހަރެންގެ ޑޮކްޓަރުން އިރުޝާދުދިން ގޮތަށް ގޭގައި ފަރުވާ މިކުރަނީ ރީނދޫ އަޅައިގެން ކިރު ބޮއެ، ބައިވަރު ސިޓްރަސް މޭވާ ކައިގެން”، ސާރާ ކިޔައިދިނެވެ.

ސާރާ ޚާން މަޝްހޫރުވީ ސްޓާ ޕްލަސް އިން ދެއްކި “ސަޕްނާ ބާބުލް ކާ ބިދާއީ” ކުޅެގެންނެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވި އރު ސާރާ މަސައްކަތް ކުރަމުންދިޔައީ “ސަންތޯޝީ މާ ސުނާޔޭ ވްރަތު ކަތާޔޭ” ކިޔާ ސިލްސިލާއެއްގައެވެ. ސާރާ ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އަވަސް ޝިފާއަކަށް އެދެމުންނެވެ.