ރިއާގެ ކޮއްކޮއަށް ވެސް ކަފާލާތު ދޭން ދެކޮޅުހަދައިފި

ޖޫން މަހު މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ޝޮވިކް ޗަކްރަބަތީ ކަފާލާތުގެ ދަށުން ދޫކުރުމަށް އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ދެކޮޅުހަދައިފިއެވެ.

ޝޮވިކް ޗަކްރަބަތީ އަކީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ކޮއްކޮއެވެ. އަދި މަސްތުވާތަކެތީގެ އެ މައްސަލައިގައި ރިއާ ވެސް މިހާރު ވަނީ ހައްޔަރުކުރެވިފައެވެ. ހަމައެހެންމެ، ރިއާއަށް ކަފާލާތު ދޭން ވެސް އެންސީބީ އިން ވަނީ ދެކޮޅުހަދައިފައެވެ.

ޝޮވިކަށް ކަފާލާތުދޭން އިންކާރު ކުރަމުން އެންސީބީ އިން ނެރުނު ބަޔާނުގައި ބުނީ އޭނާއަކީ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ އެކްޓިވް މެންބަރެއް ކަމަށެވެ. އަދި ކަފާލާތުގެ ދަށުން ދޫވެއްޖެނަމަ ހެކިތައް ނައްތައިލަން މަސައްކަތްކޮށް، ދައްތަ ރިއާއަށް ލިބިފައިވާ މަޝްހޫރުކަމާއި ފައިސާ ބޭނުންކޮށްގެން ހެކިވެރިންނަށް ރިޝްވަތު ދޭން ޝޮވިކް މަސައްކަތް ކޮށްފާނެ ކަމަށެވެ.

ހަމައެހެންމެ، ރިއާ ޗަކްރަބަތީގެ ބަޔާނުގައި ވަނީ ޝޮވިކާއި، ސެމިއުލް މިރަންޑާ އަދި ދިޕޭޝް ސާވަންތުގެ ރޯލު ވަރަށް ސާފުކޮށް ކިޔައިދީފައި ކަމަށް ވެސް ބުންޏެވެ. “އޭގެން އެބަ އެނގޭ އެއީ އެކްޓިވް މެންބަރެއް ކަން”.

އެންސީބީ އިން މުމްބާއީ ކޯޓުގައި އޮތް ޙާއްސަ އަޑުއެހުންތަކުގައި ކިޔައިދިން ގޮތުގައި، ޝޮވިކަކީ މަސްތުވާކެތި ގަންނަން ޙަރަދުކުރި މީހެއް ކަމަށް ޝޮވިކް ވަނީ އޭނާގެ ބަޔާނުގައި ކިޔައިދިފައެވެ. އަދި އެއަށްފަހު އެ މަސްތުވާތަކެތި ސުޝާންތަށް ޑެލިވަރީ ކޮށްދިނީ ގޭގެ މެނޭޖަރު ސެމިއުލް އާއި މަސައްކަތު މީހާ ދިޕޭޝް ކަމަށް ވެސް ޝޮވިކް ހާމަކުރިއެވެ.

އެންސީބީ އިން އިތުރަށް ބުނި ގޮތުގައި، ސުޝާންތުގެ މަރުގެ ތަހުގީގު މަސްތުވާތަކެތީގެ އޭންގަލް އަކުން ތަހުގީގު ކުރުމަކީ މިހާރު ވަރަށް މުހިއްމު ކަމެކެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!