ޗެނަލް13 އިން މައާފަށް އެދި ބަޔާން އާންމުކުރަން އަންގައިފި

“ޗެނެލް 13” އިން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅު ޖަހަން ބޭނުންވާ ކަމަށް މީހަކު ބުނި ވާހަކަ އޮންއެއާ ކޮށްފައިވާތީ އެ ސްޓޭޝަނާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން ދީފި އެވެ.

ސިޔާސީ އިދިކޮޅު ހަރަކާތްތަކުގެ ވާހަކަތަކަށް އިސްކަން ދީފައި އޮންނަ ޗެނެލް 13 އިން “ރައްޔިތުންގެ އަޑު” ގެ ނަމުގައި ގެނެސްދިން ޕްރޮގްރާމެއްގައި މުހައްމަދު އިބްރާހިމް ކިޔާ މީހަކު ބައިވެރިވެ އޭނާ ވަނީ “ރައީސް ސޯލިހުގެ ހަށިކޮޅުގައި މިހާރުން މިހާރަށް ހުޅުޖަހަންޖެހޭ” ކަމަށް ބުނެފަ އެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމާ ބްރޯޑްކޮމް އިން ބުނީ އެ މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

މައްސަލައަށް ޖަވާބުދާރީވެ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި “ރައްޔިތުންގެ އަޑު ޕްރޮގްރާމް” ގައި އާންމު ފަރާތަކުން ދެއްކި ކަމަށް ތުހުމަތުކުރެވިފައިވާ ކޮންޓެންޓާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން އެ ކޮންޓެންޓްވެސް ހިމެނޭގޮތަށް ޖިނާޢީ ތަޙުޤީޤެއް ފަށްޓައި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާކަމާއި، އެ ޗެނަލްގެ ތިން ފަރާތެއް ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމާއި، ޖިނާއީ ތަޙުޤީޤެއް ހިނގަހިނގާ އޮތް ކަމެއްގައި ތަޙުޤީޤުގެ މެދުން ވަކި ފިޔަވަޅެއް އެޅުމަކީ ނުވަތަ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކުރާފަދަ އަދުލުވެރި އިދާރީ ފިޔަވަޅަކަށް ނުވުމުގެ ފުރުސަތު ބޮޑުކަމާއި، މިގޮތުން އެއްކުށަކަށް ދެ އަދަބެއް ނުވަތަ ދެފަހަރު ފިޔަވަޅު އެޅުމަކީ ކޮމިޝަނުން ނިންމާ ނިންމުގެ ނަތީޖާކަމަށް ވެގެން ހިނގައިދާނެކަމަށް ފާހަގަކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

ބްރޮޑްކޮމްއިން ބުނެފައިވަނީ ޗެނަލް13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ތަކުރާރުކޮށް ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވަމުންދާތީ އަދި މި މައްސަލައިގެ ހައްސާސް ކަމުން ދެން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެއްޖެނަމަ އެ މައްސަލައިގެ ޒާތާއި ހައްސާސް ކަމަށް ބަލައި ގާނޫނާއި ގަވާއިދުގެ ތެރެއިން ހަރުކަށި ފިޔަވަޅު އެޅާނެ ކަމުގެ އިންޒާރު ދޭ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން މައާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއްނެތި އެ ބަޔާން “ރައްޔިތުންގެ އަޑު” ޕްރަގްރާމްގައި ގެނެސްދިނުމާއި މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ދެ ދުވަހެއްގައި ރޭގަނޑު 8 -10 އާ ދެމެދު ވަގުތެއްގައި ބަޔާން އޮންއެއާ ކުރުމަށްވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން ޑިލޭއެއް ލައިގެން ނޫނީ އެފަދަ ޝޯތައް އޮންއެއާ ނުކުރުމާއި ސަމާލުކަންދޭންވީ ކަންކަން ކިޔައިދިނުމަށްފަހު ނޫނީ ޕްރަގްރާމްތަކަށް ގުޅާ މީހުންގެ ފޯން ކޯލްތައް އޮންއެއާ ނުކުރުމަށްވެސް ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!