“ވިޒިޓް މޯލްޑިވްސް ނައު” ގެ ނަމުގައި އުރީދޫ މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް، ޑެސްޓިނޭޝަން މާރކެޓިންގް ކެމްޕޭނެއް ލޯންޗްކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްއާއި އެކު މި ކެމްޕޭންގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕުން ބައިވެރިވެއެވެ. މި ކެންޕެއިންގައި ދުނިޔޭގެ 10 ޤައުމަކުން 117 މިލިއަން މީހުންނަށް ވާސިލްވުމަށްވަނީ އަމާޒުހިފާފައެވެ.
“ވިޒިޓް މޯލްޑިވްސް ނައު” ކެންޕެއިންގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން އިއާދަކުރުމެވެ. މި ކެންޕެއިން ކުރިއަށްދާނީ ސެޕްޓެންބަރު 2020 އިން ފެށިގެން 2021 ގެ ކުރީކޮޅުގެ ނިޔަލަށެވެ.
އުރީދޫން ބުނީ އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯރކްގެ ކަސްޓަމަރުންނަށް، އުރީދޫ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާޓްނަރުންގެ މީސްމީޑިއާ ޕްލެޓްފޯރމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރެވިގެންދާނެ ކަމަށެވެ.
މީސްމީޑިއާގައި ހިއްސާކުރެވޭ މި ޕޯސްޓް ތަކަށް ކޮމެންޓްކޮށް ޝެއާ ކުރައްވާ ފަތުރުވެރިންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގެ ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބި، ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެއެވެެ.
އުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބު ހާން ވިދާޅުވީ، ކޯވިޑް 19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސް، ގިނަ އާއިލާތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށްޓަކައި މި ކެންޕެއިންގެ ސަބަބުން އެހީތެރިވެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން މިދަނީ އުރީދޫ ބައިނަލްއަގުވާމީ ނެޓްވޯރކް މެދުވެރިކޮށް އަދި ލިބިފައިވާ އެހެނިހެން ވަސީލަތްތަކުގެ އެހީގައި އުރީދޫގެ ޚިދުމަތް ފޯރުކޮށްދޭ މުޖުތަމަޢުތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ކުރިއެރުން ހޯދައިދިނުމަށް. ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން “ވިސިޓް މޯލްޑިވްސް ނައު” ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގައި” އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.
އުރީދޫން ބުނީ “ވިޒިޓް މޯލްޑިވްސް ނައު” ކެންޕެއިންގެ މަގްސަދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން އިއާދަކުރުމެވެ.