ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކުރަން އަމުރު ނެރެފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވަން އެ ކޯޓުން ބޭންކަށް އަމުރުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ އަމުރު ނެރެފައިވަނީ އެ ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަނުންނެވެ.

ސިވިލް ކޯޓުން ބުނީ އެ އަމުރު ނެރުނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިިން ހުށަހަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މި މައްސަލަ އަކީ ސަން ޓްރެވަލްސް ކުންފުނީގެ ފަރާތުން ނ. އިރުފުށި ރިސޯޓް ހިންގުމަށްޓަކައި ހިލްޓަންއާއި އެކު ވެފައިވާ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުން ނިންމި ހުކުމް ތަންފީޒު ކުރުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހުކުމާއި އެއްގޮތަށް ސަން ޓްރެވަލްސްއިން ފައިސާ ނުދެއްކުމުން ހިލްޓަންގެ ފަރާތުން އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށައެޅިއެވެ.

2017ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހިލްޓަން ކުންފުނީގެ ފަރާތުން ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭންޖެހޭނެކަމަށް ބުނެ ހުކުމް ކޮށްފައެވެ. ނަމަވެސް ދާދިފަހުން ހައިކޯޓުން ވަނީ އެހުކުމް ބާތިލްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!