ހުޅުމާލޭގެ ސައިޓަކުން ކޭބަލް ނަރުތަކެއް ވަގަށް ނަގަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ސައިޓަކުން ކޭބަލް ނަރުތަކެއް ވަގަށްނަގަން އުޅުނުކަމުގެ ތުހުމަތުގައި 02 މީހުން ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ހުޅުމާލޭ ސައިޓަކުން ކޭބަލް ނަރުތަކެއް ވަގަށްނަގަން އުޅުނުކަމުގެ ތުހުމަތުގައި 02 މީހުން ހައްޔަރުކޮށް މިހާރު އެ މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. އެ މީހުން ހައްޔަރުކުރީ މި މަހުގެ 09 ވަނަ ދުވަހު މެންދުރު ފަހު 14:55 ހާއިރު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުށުގެ ވެށިންކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ގޮތުން އެ 02 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މީހުން ތިބިތަން ބެލި ބެލުމުން ކަރަންޓް ކޭބަލުން ބުރިކޮށްފައިވާ ގިނަ ޢަދަދެއްގެ ނަރުތަކެއްގެ އިތުރުން ދުނިކީސް ތިލައަކާއި ނަރުކަނޑާ ކަތުރަކާއި 03 ކަޓަރު ފެނިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!