ސަރުކާރުގެ އަމާޒަކީ ފަރުވާ އަށް މާލެ އަންނަން ޖެހުން ކުޑަކުރުން: ނައިބު ރައީސް

ސަރުކާރުގެ އަމާޒަކީ ސިއްހީ ފަރުވާ ލިބިގަތުމަށް މާލެ ސަރަޙައްދަށް އަންނަން ނުޖެހޭނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަސް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުގައި ހުރި ބައެއް މައްސަލަތަކާއި، އެތަންތަނުން ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ބުދަ ދުވަހުގެ މެންދުރު ފަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ، ކޯވިޑްގެ ހާލަތާއި ގުޅިގެން އަތޮޅުތަކުގެ ހޮސްޕިޓަލުތަކުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، ކުރިން ނުދެވޭ ބައެއް ބޮޑެތި ޚިދުމަތްތައް އެތަންތަނުން މިހާރު ދޭން ފަށާފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ފަރުވާ ލިބިގަތުމަށް މާލެ ސަރަޙައްދަށް އަންނަން ނުޖެހޭނެފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުންކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، މިފަދަ ދަނޑިވަޅެއްގައި ލާމަރުކަޒީ އުޞޫލުން ކަންކަން ކުރިޔަށް ގެންދިޔުމަށް މަގުފަހިވާނެހެން ހެލްތް މިނިސްޓްރީއިން މަސައްކަތްކޮށްދެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވައި ރައްޔިތުންނަށް ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ކަމާގުޅޭ ހުރިހާ އިދާރާތައް ރަނގަޅަށް މުޢާމަލާތްކޮށް، ގުޅިގެން މަސައްކަތްކުރެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި، ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓްލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އާސަންދަ އަދި އެސްޓީއޯގެ އިސްވެރިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރީޖަނަލް ހޮސްޕިޓަލްތަކުގެ އިސްވެރިން ފާހަގަކުރެއްވެވި ކަންތަތަކުގެ ތެރޭގައި، އިންސާނީ ވަޞީލަތްތައް ހޯދުމުގައި ދިމާވާ ދަތިތަކާއި، ޚާއްޞަކޮށް ޑޮކްޓަރުންނާ ނަރުހުން މަދުވުމުން ދިމާވާ ދަތިތަކާއި، ޞިއްޙީ ފަރުވާ ދިނުމަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހޭދަވާ ވަގުތާއި، އެކަށީގެންވާ ޢަދަދަކަށް ބޭހުގެ ސްޓޮކް ލިބުމުގައި ދިމާވާ ދަތިތައް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ވަކި ވަކި ހޮސްޕިޓަލުތަކުގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރު ތަފްޞީލުތައް ވެސް ވަނީ ބައްދަލުވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން ޢަމްރު ވަނީ އަތޮޅުތެރެއަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަން ފާހަގަކުރައްވައި، އެކަމުގެ ތަފްޞީލުތައް ހާމަކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!