ލަންކާ ސަފީރު ނައިބު ރައީސް އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮހާނާ ބެއްޑާޖު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާގެ ސަފީރު ވަނީ ދެ ޤައުމުގެ މެދުގައި ބަދަހިވަމުންދާ ގާތް ގުޅުމާމެދު ވާހަކަފުޅުު ދައްކަވާފައެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ގިނަ ދުވަހަށް ދެމިގެންދިއުމުގެ އަސްލަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުންކަން ފާހަގަކުރައްވައި، އެކަމުގެ ހަޤީޤަތަކީ ދެ ޤައުމުގައި ވެސް އެއްގޮތް ސަޤާފަތެއް އޮތުންކަން ފާހަގަކުރައްވާ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ދެ ބޭފުޅުން ވަނީ، ތަޢުލީމު، ސަޤާފީ އަދި ޕަރފޯމަންސް އާޓްސްގެ ދާއިރާއިން އިތުރަށް ގުޅުންތައް ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ވާހަކަ ވެސް ވަނީ ދައްކަވާފައެވެ. އަދި އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!