ގައުމީ އިނާމަށް 94 ފަރާތަކުން ކުރިމަތިލައިފި

މިއަހަރުގެ ޤައުމީ އިނާމަށް 94 ފޯމު ހުށަހަޅާފައިވާކަމުގައި ޤައުމީ އިނާމާބެހޭ ކޮމިޓީން ހާމަކުރައްވައިފިއެވެ.

އިނާމަށް ހުށަހެޅި ފަރާތްތައް އިނާމަށް ޝަރުޠު ހަމަވޭތޯ ބެއްލެވުމާއި، ފޯމުތައް ދިރާސާ ކުރައްވައި ޕޮއިންޓް ދެއްވުމުގެ މަސައްކަތް އެކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. ޤައުމީ އިނާމު މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައި ވަނީ މައިގަނޑު 33 ދާއިރާއަކުންނެވެ. ޤައުމީ އިނާމަށް މިއަހަރު ހުށަހެޅި 94 ފޯމު ހުށަހަޅާފައި ވަނީ މިދެންނެވި 33 ދާއިރާގެ ތެރެއިން 26 ދާއިރާއަށެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތަކުގެ ސަބަބުން މުޖުތަމަޢަށް ކުރާ ފައިދާ ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.

ސަރުކާރުން މި އިނާމު ފުރަތަމަ ދެއްވަން ފެށްޓެވީ، ޢާންމު ޚިދުމަތުގެ އިނާމުގެ ނަމުގައި 1979 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް، މި އިނާމު ގަވާއިދުން ދެއްވަމުން ގެންދަވާފައިވެއެވެ. 2009 ވަނަ އަހަރުން ފެށިގެން މި އިނާމު ދެއްވަމުން ގެންދަވަނީ، ޤައުމީ އިނާމުގެ ނަމުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!