ރާއްޖެ އާއި ކޮޗިން ފެރީ މި މަހުގެ 20 ގައި ފަށަނީ

ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ފެރީގެ ހިދުމަތް މި މަހުގެ 20 ގައި ފަށާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

އެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް އަންނަ ފުރަތަމަ ކާގޯ ފެރީ އިންޑިއާގެ ތޫތުކުޑިން ފުރާނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި ކޮޗިން އަށް މި މަހުގެ 22 ވަނަ ދުވަހު ބަނދަރު ކުރުމަށް ތާވަލްކޮށްފައި ވާއިރު ރާއްޖެއަށް ފެރީ އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 26 ވަނަ ދުވަހު އެވެ.

މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.

އެކަމާ ގުޅޭ ގޮތުން، ފޮރިން މިނިސްޓްރީން ބުނީ މި މަހު ފަހުކޮޅު އެ ހިދުމަތް ފަށާނެ ކަމަށެވެ. ނަމަވެސް، ފުރަތަމަ ބޯޓު އަންނަ ތާރީހު ރަސްމީކޮށް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

ފުރަތަމަ އަންނަ ކޮންޓެއިނަރު ބޯޓުގައި މެޝިނަރީ އާއި، ފަރުނީޗަރާއި ކާބޯތަކެތީގެ އިތުރުން ބޭހުގެ ސަމާނު ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އުތުރުގެ ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލަށް ވުމާއެކު، އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރެން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މި ސަރުކާރުގެ ބުނެފައި ވެއެވެ.

މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށައި ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ކުރިން ވަނީ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ކޮޗިން ފެރީއާއެކު ދެ ގައުމުގެ މެދުގައި މުދާ އުފުލުން ފަސޭހަވެގެން ދިޔުމުގެ ބަދަލުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާ ވަރަށް ކައިރި ބަދަހި ގުޅުމެއް އުފައްދައްފައި ވެއެވެ. އަދި އެ ގުޅުމާއެކު ރާއްޖޭގައި ގައިމުވެ ތިބޭ އިންޑިއާ ސިފައިން އިތުރު ކުރާ މައްސަލަ ހޫނުވެ، “އިންޑިއާ އައުޓު” ގެ ނަމުގައި ދިވެހިންގެ ގިނަ ބަޔަކާއި އިދިކޮޅު ފަރާތްތަކުން ވަނީ ކެމްޕޭނެއް ފަށާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!