އާމްދަނީ 46 ޕަސެންޓް ދަށަށް

ދައުލަތަށް ލިބުނު އާމްދަނީ 46 ޕަސެންޓް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ އެ ރިޕޯޓުގައިވާ ގޮތުން، މިއަހަރަށް ލިބޭނެ ކަމަށް އަންދާޒާކުރީ 30 ބިލިއަން ރުފިޔާ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހުއްޓިފައި އޮތުމުގެ ސަބަބުން ލިބިފައި ވަނީ 8.8 ބިލިއަން ރުފިޔާ އެވެ. 

ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި 16.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އޭގެ އިތުރުން މިހާތަނަށް ދައުލަތުގެ ހަރަދުގެ ގޮތުގައި 17.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިދިޔަ އަހަރުކުރި ހޭދައިގެ އަދަދު އުޅެނީ 17.5 ބިލިއަން ރުފިޔާގަ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނާ ގޮތުގައި މިހާތަނަށް ޓެކްސްގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބުންނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އުޅުނީ 12.1 ބިލިއަން ރުފިޔާގަ އެވެ. 

ދައުލަތަށް ލިބުނު އާމްދަނީ މިހާ ބޮޑުތަނުން ދަށަށް ގޮސްފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު، އެންމެ ބޮޑަށް ބަރޯސާވެފައިވާ އޮތް ފަތުރުވެރިކަމުގެ ސިނާއަތް ތިން މަސް ދުވަހަށް މެދުކަނޑާލަން ޖެހުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!