ކ.ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާ މައްސަލާގައި ކުރީގެ ނައިބްރައީސް އަބްދުﷲ ޖިހާދުއާ ސުވާލު ކުރަމުންދާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވީ، ފުށިދިއްގަރު ފަޅުގެ މައްސަލައިގައި ޖިހާދާ ސުވާލު ކުރަމުންދާ ކަމަށާއި، އެ މައްސަލައިގެ ތަހުޤީޤު ކޮމިޝަނުން ކުރިއަށްދާ ކަމަށެވެ.
އައްސަދު ވިދާޅުވީ، ޖިހާދާ ސުވާލު ކުރަމުންދަނީ ސީދާ އޭނާއާ ގުޅިގެން ހުށައެޅިފައިވާ މައްސަލައެއްގައި ނޫން ކަމަށާއި، ފުށިދިއްގަރު މައްސަލައިގެ ތަހުޤީޤުގާ ގުޅިގެން ސުވާލު ކުރަމުންދާ ކަމަށެވެ.
ކ. ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީ ކުރުމާ ގުޅޭގޮތުން ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުމާއި ދިވެހި ސަރުކާރުގެ ފަރާތުން ޚިލާފުވެފައިވާކަަމަށް ބުނެ, އެ މައްސަލަ ސިންގަޕޯރ އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެކުންފުނީގެ ފަރާތުން ވަނީ ހުށައަޅާފައެވެ.
އެކަމާ ގުޅިގެން އެޓަރނީ ޖެނެރަލް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އާ ދެމެދު ފުށިދިއްގަރު ފަޅު ކުއްޔަށްދީ ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމާއި ދިވެހި ސަރުކާރު ޚިލާފުވެފައިވާކަމަށް ބުނެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާކަން އެކުންފުނިން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އެގޮތުން 18 ޑިސެމްބަރ ގައި އެކުންފުނިން މިމައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
ކ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް ވެންޗަރ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 ޖެނުވަރީ 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެކުންފުންޏަށް ދިނުމަށް ސޮއިކޮށްފައިވަނީ ޑރ. ވަހީދުގެ ވެރިކަމުގައެވެ. އޭގެފަހުން މިކުންފުނި އުފައްދާ ރަޖިސްޓްރީ ކުރުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް އެކަން ކޮށްފައިވާ ކަމަށްބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބެލިއެވެ. އެއަށްފަހު އޭރު އޭސީސީން ނިންމާފައިވަނީ އެކަން ކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަމަށެވެ.