ކޮވިޑް-19ގެ މި ޙާލަތުގައިވެސް އަމާން މުޖުތަމަޢެއް ބިނާކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި، އަންހެނުންނާއި ކުޑަކުދިންގެ މަޞްލަޙަތަށް އިސްކަންދިނުމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ގޮވާލައްވައިފިއެވެ.
މިނިސްޓަރު މިހެން ގޮވާލެއްވީ ކޮމަންވެލްތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ”ލޯންޗިންގ އޮފް ޑިޖިޓަލް ޕޯޓަލް އެންޑިންގ ސެކްޝުއަލް އެބިއުސް އެންޑް ޑޮމެސްޓިކް ވަޔަލެންސް” އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.
ވަރޗުއަލްކޮށް ބޭއްވި މި އިވެންޓުގައި ޑިޖިޓަލް ޕޯޓަލް ލޯންޗުކޮށްދެއްވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑެވެ.
މި އިވެންޓުގައި މިނިސްޓަރު އައިޝަތު ވަނީ ޚާއްސަ މެސެޖެއް ހިއްސާކުރައްވާފައެވެ. މި މެސެޖުގައި ކޮވިޑް-19ން އަރައިގަތުމަށާއި، އަދުލުވެރި ރައްކާތެރި އަދި އަމާން މުޖުތަމައުއެއް ބިނާކުރުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ މަސްލަތަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރ އައިޝަތު ވާހަކަދެއްކެވިއެވެ.
މި ޑިޖިޓަލް ޕޯޓަލަކީ ކޮމަންވެލްތާއި، ގެވެށި އަނިޔާއާއި ޖިންސީ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއް ކަމުގައިވާ “ނޯ މޯ” ގުޅިގެން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ޕޯޓަލެކެވެ.