އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅި އަޅައިދިނުމަށް އެދި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ އެމްޑީޕީގެ ޗެއާޕާސަނަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އެމްޑީޕީގެ ރައީސް ނަޝީދު ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްސީލު ކުރެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސްގެ މަގާމުގެ މައްސޫލުލިޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރުމާއި، ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވުން ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތައް ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކޮށްދިނުމަށް އެދި ގޮވާލާކަމަށެވެ.
އެ ސިޓިގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ.
ޝުއައިބުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ވަޒީރުން އަދާކުރަންޖެހޭ ވާޖިބުތަކާއި ވަޒީރުން ޖަވާބުދާރީ ކުރުވާނޭގޮތް ސާފުކޮށް އޮތްއިރު، އަދި އެމްޑިޕީގެ އަސާސީ ގަވައިދުގައި ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ގަވައިދާއި ޕާޓީގެ އެކި ގުނަވަންތައް އަމަލުކުރާނޭ ގޮތް ބަޔާންކޮށްފައި އޮތްއިރު ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތައް ޕާޓީ ގުރުބާން ކުރުމަކީ ގައްދާރުވުންކަމުގައި ދެކޭކަމަށެވެ.
އެހެން ކަމުން ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ޤާނޫނުއަސާސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ފޯރުކުރައްވަމުން ގެންދެވުން ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި އެންމެހާ މަސައްކަތައް ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ކޮށްދިނުމަށް އެދި ގޮވާލާކަމަށެވެ.