ސުޝާންތާ ދެކޮޅަށް އަނުރާގް ކުރި ޓުވީޓުތަކެއް ގިނަ ބައެއްގެ ސަމާލުކަމަށް!

ޖޫން މަހު ދަންޖެހިގެން މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގަށް އޭނާގެ ލޯބިވެރިޔާ އެކްޓްރެސް ރިއާ ޗަކްރަބަތީ ހައްޔަރުކުރި ފަހުން، އެ އިންޑަސްޓްރީގެ ގިނަ ތަރިންތަކެއް އަންނަނީ ފާޅުގައި ރިއާ ދިފާއުކޮށް ޓުވީޓު ކުރަމުންނެވެ. އެގޮތުން ދާދިފަހުން ރިއާގެ ދިފާއުގައި ނުކުތް ޑައިރެކްޓަރު އަނުރާގް ކަޝްޔަޕް ދެއްކި ވާހަކަތަކެއް ގިނަ ބައެއްގެ ސަމާލުކަމަށް އައިސް އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ބުދަ ދުވަހުގެ ހެނދުނު އަނުރާގް ފުރަތަމަ ކުރި ޓުވީޓުގައި ބުނީ، ސުޝާންތުގެ މަރުގެ ފަހަތުގައި ރިއާގެ އަތެއް ނުވާކަން އެނގެނީ ކިހިނެއްތޯ އާއި، ސުޝާންތު ތަހައްމަލު ކުރަމުންދިޔަ ކަންތައްތައް ބުނަން އެނގެނީ ކިހިނެއްތޯ ހޭ ކިޔައިގެން ސުވާލު އުފައްދަމުން ދާ މީހުން ހަނދާން ނެތިފައިވާ އެއް ކަމަކީ، މުޅި ބޮލީވުޑަކީ 10 އަހަރު ވަންދެން ސުޝާންތާ ދިމާވެ، ވާހަކަ ދައްކާފައި މީހުން އުޅޭ ތަނެއް ކަމެވެ. “އާނ، އަހަރެމެންނަށް އޭނަ މާ ރަނގަޅަށް އެނގޭ”، އަނުރާގް ލިޔެފައިވެއެވެ.

އަނުރާގް ކުރި ދެވަނަ ޓުވީޓުގައި ބުނީ، ސުޝާންތުގެ މަރުގެ މައްސަލައިގައި ބޮލީވުޑްގެ ގިނަ ތަރިން އަނގަ ބަންދުކޮށްގެން އެ ތިބެނީ ސުޝާންތަށް އިހުތިރާމް ކުރާތީ ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލައިގައި ރިއާ ކުށްވެރިއެއްގެ ގޮތަށް ދެއްކުމުން، ދާއިރާގެ އެންމެން އެކައްޗެއް ކިޔައިގެން ރިއާގެ ދިފާއުގައި ނުކުންނާނެ ކަމަށް ބުންޏެވެ. “ކަންތައްތައް މާ މައްޗަށް ގޮސްފައި މިވަނީ”.

މީގެ އިތުރުން އަނުރާގް ވަނީ ސުޝާންތުގެ މެނޭޖަރާއި އަނުރާގް ކޮށްފައިވާ މެސެޖުތަކެއްގެ ސްކްރީންޝޮޓް ތަކެއް ވެސް ހިއްސާކޮށްފައެވެ. އެއާއެކު އަނުރާގް ވަނީ އެކަން ކުރަން ޖެހުނީތީ މާފަށް އެދިފައެވެ. “މީގެކުރިން މިކަން ކުރަން ވިސްނާފައެއް ނެތް އެކަމަކު މިހާރު މަޖުބޫރުވެއްޖެ. މިއީ ސުޝާންތު މަރުވުމުގެ 3 ހަފްތާކުރިން، މޭ 22 ގައި އޭނާގެ މެނޭޖަރާ އަހަރެން ދައްކާފައި ހުރި ވާހަކަ. އާނ، އަހަރެން ސުޝާންތާ އެކީ މަސައްކަތް ނުކުރީ އަހަރެންގެ އަމިއްލަ ސަބަބުތަކާހެދި”، އަނުރާޖް ލިޔެފައިވެއެވެ.

އެހެން ކިޔާފައި އަނުރާގް ހިއްސާކުރި ސްކްރީންޝޮޓުން މައިގަނޑު ގޮތެއްގައި ފެންނަނީ، އަނުރާގްގެ ދެން އަންނަ ފިލްމަކަށް ކާސްޓުން ނަގާއިރު ސުޝާންތު ނެގުމަށް މެނޭޖަރު އެދިފައިވާތަނެވެ. ނަމަވެސް އޭގެ ރައްދެއްގެ ގޮތުގައި އަނުރާގް ބުނެފައިވަނީ، ސުޝާންތަކީ މާ “މައްސަލަ ބޮޑު” މީހެއް ކަމަށެވެ.

ދެވަނައަށް އަނުރާގް ހިއްސާކުރި ސްކްރީންޝޮޓް ތަކަކީ، ސުޝާންތު މަރުވި ދުވަހު މެނޭޖަރާ އަނުރާގް ދައްކާފައި ހުރި ވާހަކަތަކެވެ. އެގޮތުން އޭގެން ފެންނަނީ، އަނުރާގް ސުޝާންތާމެދު ބާއްވާފައި އޮތް ހިތްހަމަނުޖެހުމެއް ހައްލުނުވެ އޮއްވައި ސުޝާންތު މަރުވުމުން އަނުރާގް އެކަމާ “ހިތާމަ” ކޮށްފައި ވަނިކޮށެވެ. ނަމަވެސް ފުރަތަމަ އަނުރާގް ވަނީ އޭނާ ސުޝާންތުދެކެ ހިތްހަމަނުޖެހުނު ސަބަބު މެނޭޖަރަށް ކިޔައިދީފައެވެ. އެގޮތުން އަނުރާގް ބުނީ އޭނާ ކޮންމެވެސް އެހެން ފިލްމަކާ ދުރުވީ ސުޝާންތު އޭނާގެ ފިލްމެއްގައި މަސައްކަތް ކުރަން ބޭނުންވާކަން ފާޅުކުރުމުން އެއަށް ވަގުތު ދޭން ކަމަށެވެ. ނަމަވެސް އޭގެފަހުން ސުޝާންތު އަޅައިވެސްނުލައި ކަމަށާއި، އެއްގޮތަކަށް ވެސް ޙަބަރުނުވެ ހުރީ ކަމަށެވެ. “އެހެންވެ އަހަރެން އެ ފިލްމު ބޭއްވީ”.

“އަހަރެން ހިތަށް އަރާ އޭގެފަހުން އެންމެފަހަރަކު ނަމަވެސް ސުޝާންތާ ވާހަކަ ދައްކައިގެން އެކަން ނިންމައިލެވުން ނަމައޭ، ހިތުގަ ބުރަކަމެއް ނުބާއްވައި”، އެ މެސެޖުތަކުގައި އަނުރާގް ބުނެފައިވެއެވެ. ނަމަވެސް ސުޝާންތުގެ މެނޭޖަރު ބުނީ އެކަމާ މާބޮޑަށް ނުވިސްނުމަށާއި، ލޮކްޑައުންގެ ސަބަބުން ދިމާވި ކަންތައްތަކަކާހެދި ސުޝާންތު މަރުވާން ނިންމީ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭގެފަހުން އަނުރާގް ވަނީ ސުޝާންތުގެ އާއިލާއާ ބެހޭގޮތުން ސުވާލުކޮށްފައެވެ.

މި ސްކްރީންޝޮޓުތަކާއެކު އަނުރާގް ކޮށްފައިވާ ޓުވީޓުގައި ބުނީ، ބަލަން ބޭނުންވާ މީހަކަށް އޭގެން ވަރަށް ކަންކަން އެނގޭނެ ކަމަށެވެ. އަދި ބޮލީވުޑުން ސުޝާންތުގެ އާއިލާގެ ހިތާމައަށް ނުވިސްނާކަމަށް ބުނެ ވާހަކަ ދައްކާ މީހުންނަށް ވެސް ޖަވާބު ލިބިގެންދާނެ ކަމަށް ބުންޏެވެ.

މި ޓުވީޓުތަކާ ގުޅިގެން އަނުރާގަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން އެއްބަޔަކު ޝައްކު ކުރާ ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަ ހިލުމުން ބޮލީވުޑްގެ ތަރިން “ތެޅިފޮޅެނީ” އެވެ. އަދި ކިތަންމެ ވަރަކަށް އުޅުނަސް ދެން އެމީހުން ހަދާ ފިލްމުތައް ނުބަލާނެ ކަމަށް ވެސް އަނެއް ބަޔަކު ތަކުރާރުކޮށް ބުނެފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ސުޝާންތު ޑިޕްރެޝަނަށް ގޮސްގެން މަރުވާން ނިންމި އެއް ސަބަބަކީ ބޮލީވުޑުން އޭނާ ބާކީ ކޮށްލަން އުޅުމުން ކަމަށާއި، އަދި އޭނާއަށް ފިލްމު ދޭން ނުފޫޒުގަދަ ފަރާތަތްކުން ދެކޮޅު ހެދުމުން އެކަމުން އަސަރުކޮށްގެން ކަމަށް މީގެކުރިން ތުހުމަތުކޮށް ބޮލީވުޑްގެ ބައެއް ނުފޫޒުގަދަ މީހުންނާ ދެކޮޅަށް ކޯޓުގައި މައްސަލަވެސް ހުށަހަޅާފައިވާ ކަމެވެ. ނަމަވެސް ފަހުން އެ މައްސަލައެއް ވީގޮތެއް ނޭނގެއެވެ.