ރިއާ 2009 ގައި ކޮށްފައި އޮތް ޓްވީޓަކަށް މީހުން މަލާމަތް ކުރަނީ!

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅިގެން ކުރި ތަހުގީގުގެ ތެރެއިން ނުކުތް މަސްތުވާތަކެތީގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ މިހާރު ހައްޔަރުކޮށްފައި ވާއިރު، ރިއާ މީގެ 11 އަހަރު ކުރިން ކޮށްފައި އޮތް ޓްވީޓެއް ވައިރަލް ވެއްޖެއެވެ.

ވައިރަލް ވެގެން އުޅޭ ޓުވީޓަކީ 2009 ގައި ރިއާ ކޮށްފައި އޮތް ޓުވީޓެކެވެ. އަދި އޭރު އުމުރުން އެންމެ 17 އަހަރުގެ ރިއާ ލިޔެފައިވާ ގޮތުގައި، އިންޑިއާ އަންހެން ކުއްޖަކު މަސްތުވާތަކެތި ޓްރެފިކް ކޮށްގެން 4 އަހަރާއި ބައިގެ ޖަލު ހުކުމެއް ލިބުނު ވާހަކައެއް ކިޔައިގެން ބިރުގަނެއްޖެ ކަމަށެވެ.

މިއަދު މި ޓުވީޓު ރީޓުވީޓު ކޮށްގެންނާއި، ސްކްރީންޝޮޓް ނަގައިގެން ވެސް ގިނަ ބަޔަކު އަންނަނީ ރިއާއަށް މަލާމަތްކޮށް ހަޖޫ ޖަހަމުންނެވެ. އެގޮތުން ރިއާއަށް މީގެ 11 އަހަރު ކުރިން ދެއްކިފައި އެއޮތީ އަމިއްލަ މީހާގެ މުސްތަގުބަލުގެ ވާހަކަ ކަމަށްބުނެ ޖޯކު ޖަހާފައިވެއެވެ. އަދި މިއީ ވަރުގަދަ އިއްތިފާގެއް ކަމަށްވެސް އެކަކު ބުނެފައިވެއެވެ.

ޖޫން މަހު މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތަށް މަސްތުވާތަކެތި ހޯދައިދީ އެ ބޭނުންކުރަން މަގުފަހިކޮށްދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ރިއާގެ އިތުރުން މީގެކުރިން ހައްޔަރުކޮށްފައި ވަނީ އޭނާގެ ކޮއްކޮ ޝޮވިކް އާއި، ސުޝާންތުގެ ގޭގެ މެނޭޖަރު ސެމިއުލް މިރަންޑާ އަދި މަސައްކަތު މީހެއް ކަމަށްވާ ދިޕޭޝް ސާވަންތެވެ. އަދި ރިއާ ޗަކްރަބަތީގެ ބަންދަށް 14 ދުވަސް ޖަހާފައިވާއިރު، ކަފާލާތަށް ވެސް ރިއާ ދޫނުކުރި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.