ހުޅުމާލެ ހޮސްޕިޓަލްގައި ޕީސީއާރު ޓެސްޓް ހަދަން ފަށަނީ

ހުޅުމާލެ ހޮސްޕިޓަލުގައި ބުރާސްފަތި ދުވަހު ޕީސީއާރު ޓެސްޓް ހަދަން ފެށޭނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހުޅުމާލެގެ އިތުރުން ވެސް މި މަހުގެ ތެރޭގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ވެސް ޕީޕީއާރު ޓެސްޓިންގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ޑަބްލިއުއެޗްއޯގެ އެހީ އާއެކު ލިބިފައި ހުރި ޖީން އެކްސްޕާޓް ޓެސްޓް ކުރެވޭ މެޝިންތައް އިންސްޓޯލްކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި މި މެޝިންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގއ. ވިލިނގިލި، ފުވައްމުލައް ސިޓީ، ޅ. ނައިފަރު އަދި ށ. ފުނަދޫގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިވަގުތު މާލެއިން ދެކުނުގައި ޖީން އެކްސްޕާޓް ޓެސްޓް ކުރެވެނީ ލ. ގަން އަދި ގދ. ތިނަދޫގައި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގައި ޕީސީއާރު ޓެސްޓް ކުރެވެމުންދާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ މިނިސްޓްރީގެ ސްޓޮކްގައި މިވަގުތު 45000 ޓެސްޓިން ކިޓް ހުރި ކަމަށާއި ޖީން އެކްސްޕާޓްސް 11000 ކާޓްރިޖް ހުރި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!