ކީޕިންގް އަފް ވިތު ދަ ކާޑޭޝިއަންސް ހުއްޓައިލަނީ! ދެރަވޭތަ؟

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ “ކީޕިންގ އަފް ވިތު ދަ ކާޑޭޝިއަންސް” ހުއްޓައިލަން ނިންމައިފިއެވެ.

ކާޑޭޝިއަން އާއިލާގައި ހިނގާ ކަންތައްތައް ގެނެސްދޭ މި ޝޯ ހުއްޓައިލަން އުޅޭކަން ފުރަތަމަ އިއުލާނުކޮށްފައި ވަނީ ކިމް ކާޑޭޝިއަން އެވެ. އެއަށްފަހު މަންމަ ކްރިސް އާއި، ޝޯގައި އުޅޭ އެ އާއިލާގެ އެހެން މީހުންގެ މީސްމިޑިއާ އެކައުންޓުތަކުން ވެސް އިއުލާނުކޮށްފައިވެއެވެ.

މި ރިއަލިޓީ ޝޯގެ ފަހު ސީޒަން ފެނިގެންދާނީ އަންނަ އަހަރު ކަމަށް ބުންޏަސް، ޝޯ ހުއްޓައިލަން އުޅޭ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. 2021 ވަނަ އަހަރު ދައްކާނީ “ކީޕިންގ އަފް ވިތު ދަ ކާޑޭޝިއަންސް” ގެ 20 ވަނަ ސީޒަނެވެ. އަދި އޭރުން އެ ޝޯއަށް 14 އަހަރު ފުރޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކިމް އާއި އޭނާގެ އެއްބަނޑު ހުރިހާ ކުދިން ވަނީ އެ ޝޯއަށް ބެލުންތެރިން ދިން ލޯތްބާއި ތަރުހީބަށް ޝުކުރުއަދާކޮށްފައެވެ. ނަމަވެސް އެ ޝޯ ހުއްޓައިލަން ނިންމުމާ ގުޅިގެން ފޭނުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އޭގެތެރެއިން އެތައް ބަޔަކު އަންނަނީ މީސްމީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

2007 ވަނަ އަހަރުން ފެށިގެން!E ޗެނަލުން ދައްކަމުންދިޔަ “ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް” އަކީ މުއްސަނދި އާއިލާއެއްގެ ދިރިއުޅުން ދައްކައިދޭ ޝޯއެކެވެ. އަދި މި ޝޯގެ ސަބަބުން މުޅި ކާޑޭޝިއަން އާއިލާ ވަނީ ވަރަށް ބޮޑަށް މަޝްހޫރު ވެފައެވެ. އެގޮތުން އެންމެ ހަގަށް ހުންނަ ކައިލީ ޖެނާ އަކީ އެންމެ 23 އަހަރުގައި ބިލިއަނަރެއްގެ ދަރަޖަ ލިބިފައިވާ މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!