ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އާންމު މެމްބަރުންނަށް ހިއްސާ ކޮށްދެއްވުމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް ރީޓްވީޓް ކުރައްވައިފި އެވެ.
އެ ސިޓީއަކީ މިނިސްޓަރ ފައްޔާޒް އިސްމާއިލް މަގާމުން އެކަހެރިވުމަށް ފެންނަކަމަށް ވިދާޅުވެ އެމްޑީޕީގެ އާންމު މެމްބަރުންނަށް ރައީސް ނަޝީދު ފޮނުއްވެވި ސިޓީއެކެވެ. އެ ސިޓީ އެމަނިކުފާނު ފޮނުއްވެވީ އިނގެރޭސިވިލާތުގައި ހުންނަވަ، އެމްޑީޕީގެ ޗެއަރޕާސަންއަށް އެޑްރެސްކުރައްވަ އެވެ.
ސިޓީ އެމްޑީޕީގެ އާންމު މެމްބަރުންނާއި ހިއްސާކޮށްދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވުމުން، އެމްޑީޕީގެ ރަސްމީ ޓުވިިޓަރ އެކައުންޓުން ވަނީ އެ ސިޓީ ޓުވީޓްކޮށްފަ އެވެ. އެޔާއެކު މިނިސްޓަރ ފައްޔާޒް އިސްމާއިލް ވަނީ ޓުވީޓް، ރީޓުވީޓްކުރައްވާފަ އެވެ.
އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފަށް އެޑްރެސްކުރައްވައި ރައީސް ނަޝީދު ލިޔުއްވާފައިވާ ސިޓީގައި އެމަނިކުފާނު ވިދާޅުވީ، ދުރުގައި ހުރި ނަމަވެސް ސިޓީގެ އުނދަގޫ އަރުވަން ޖެހުނީ އެވަގުތެއްގައި ދަންނަވަންޖެހޭ ވާހަކައެއް އޮތުމުން ކަމަށެވެ. އެގޮތުން، އެމްޑީޕީގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ޙަވާލުވެވަޑައިގަތްހުންނެވި މިނިސްޓަރ ފައްޔާޒް އިސްމާޢިލް މަޤާމުގެ މަސްޢޫލިއްޔަތުން އެކަހެރިވެލެއްވުމަށް ފެންނަކަމަށާއި އެއީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައިކަމަށް ސިޓީގައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާއިވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނޯންނާކަމަށެވެ. އަދި އެއްވެސް މިނިސްޓަރަކާއި ޒާތީ މައްސަލައެއް ނޯންނާނެކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.