ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކާގޯ ދަތުރު ފަށަން ތައްޔާރުވެއްޖެ

އިންޑިއާގެ ކޮޗިންއާއި ކުޅުދުއްފުޓާދެމެދު މިމަހުގެ ފަހުކޮޅު ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޓާރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާގޯ ފެރީތަކެއްކަމަށެވެ.

މިކަމާގުޅޭ އެންމެ ފަހުގެ މަޝްވަރާތަކާއި ތައްޔާރީތަށް މިހާރު ކުރިއަށްދާކަމަށް ޓާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާވަނީ ކުޅުދުއްފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި މިކަމާގުޅޭ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.

ޓްރާންޕޯޓް މިނިސްޓްރީން ވިދަޅުވީ މިމަހުގެ ފަހުކޮޅު، ފުރަތަމަ ކާގޯ ފެރީ ބާއްވާނެކަމަށެވެ. އަދި މިވަގުތަށް ޢަމާޒުކޮށްފައިވަނީ މަހަކު ދެ ފެރީ ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ބޭއްވުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވީ ކާގޯ ފެރީގެ ގޮތުގައި ބޭނުންކުރަނީ ބޮޑެތި ފެރީތައްކަމަށްވުމުން ކުޅުދުއްފުށީ ބަނދަރަށް އެފެރީތައް ނުވެއްދޭނެކަމަށެވެ. އެހެންކަމުން މުދާ އަރުވާ ބޭލުމުގައި ބޭނުންކުރާނީ ޓަގުބޯޓާއި ބާޖުކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. އިންޑިއާގެ ކޮޗިންއާ ކުޅުދުއްފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ ރާއްޖޭގެ ލޯކަލް އެޖެންޓަކީ ދާދިފަހުން އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވީ ކޮޗިންއިން އަންނަ ބޯޓު ފުރަތަމަ ކައިރިކުރާނީ ކުޅުދުއްފުއްޓަށްކަމަށެވެ. އަދި އެއަށްފަހު މާލެ ބަނދަރަށްވެސް ކައިރިކުރާނެކަމަށެވެ. މި ދަތުރުތައް މަހަކު ދެ ފަހަރު އިންޑިއާއާއި ރާއްޖެއާދެމެދު ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!