ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާގެ ސަރަހައްދީ ބައްދަލުވުން ފަށައިފި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމެޓީގެ 73 ވަނަ ބައްދަލުވުން ފަށައިފިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ބައްދަލުވުން ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބާއްވަނީ “ވަރޗުއަލް” ބައްދަލުވުމެއްގެ ގޮތުގައެވެ. 2 ދުވަހަށް ކުރިޔަށްދާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓްރީ އޮފް ހެލްތުގެ ވަފްދުގެ އިސްކޮށް ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކެޓްރީ ޢާއިޝަތު ސާމިޔާއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ބޭފުޅުން ހިމެނޭ ގޮތަށް ސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާ ގުޅޭ މުހިންމު ކަންތައްތައް ކަނޑައަޅާ ސަރަޙައްދުގެ ޞިއްޙީ ކުރިއެރުމަށް މަޝްވަރާކޮށް ކަންކަން ނިންމުމަށް އަހަރަކު އެއްފަހަރު ބާއްވާ އެންމެ މުހިންމު ‘ގަވަނަންސް’ ބައްދަލުވުމެވެ.

މިއަހަރުގެ ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުން ކޮވިޑް-19 އާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ކުރެވުނު ތަޖުރިބާއާއި ކުރިއަށް އޮތްތާގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޞިއްހީ ދާއިރާ ތަމްޞީލް ކުރައްވާ އެންމެ އިސްވެރިންގެ ޚާއްޞަ މަޝްވަރާއެއް ކުރިއަށް ދާނެއެވެ. އަދި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ޤައުމުތަކާއި ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިގެން ދާނެއެވެ.

އަދި ކޮވިޑް-19 އާ ދެކޮޅަށް މެމްބަރު ޤައުމުތަކުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއިއެކު ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ޚާއްޞަ ޤަރާރެއް ފާސް ކުރެވިގެން ދާނެއެވެ. 

މީގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ އެންމެ ސަމާލުކަންދޭ ސިއްހީ މައްސަލަތަކާއިގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށް، އެމައްސަލަތަކަށް ގައުމުތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގުޅިގެން ކުރާނެ މަސައްކަތްތައް ނިންމާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!