ވެންޓިލޭޓަރުތައް ކޮވިޑް ފެސިލިޓީތަކަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުން: ހެލްތް މިނިސްޓްރީ

ދުބާއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އިން ފޮނުވި މޮބައިލް ވެންޓިލޭޓަރުތައް ޗެކް ކުރުމަށްފަހު، ކޮވިޑް ފެސިލިޓީތަކަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމަށް އެގްޒެކިއުޓާސް ކުންފުންޏާއެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާއަށެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، މިދިޔަ ހަފްތާގައި އެގްޒެކިއުޓާސް އިން ރާއްޖެ ފޮނުވި 10 މޮބައިލް ވެންޓިލޭޓަރު ހެލްތު މިނިސްޓްރީގެ ބަޔޯ މެޑިކަލް އިންޖިނިއަރުންގެ ޓީމުން ބަލާފައިވާ ކަމަށެވެ. އަދި އެ މެޝިންތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިންޖިނިއަރުންގެ ޓީމުން ނިންމާފައިވާ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 10 މޮބައިލް ވެންޓިލޭޓަރު ގެނެސްފައިވާއިރު، ބާކީ ހުރި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭގޮތުން ތަސްލީމާ ވިދާޅުވީ، އެކަން މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ސީދާ ލިބޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގްޒެކިއުޓާސް އިން ރާއްޖެ ފޮނުވި 10 މޮބައިލް ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ ހެލްތް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިން ފޮނުވި ވެންޓިލޭޓަރުތަކުގެ ބަދަލުގައި ފޮނުވާފައިވާ ވެންޓިލޭޓަރު ތަކެކެވެ. ކުރިން ރާއްޖެ ފޮނުވާފައި ހުރީ ހެލްތް މިނިސްޓްރީން ހުށަހެޅި މިންގަނޑުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!