މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ ޝުޖާއުގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވައިފި

މާލެ ޕްލޭނިންގެ ގަވާއިދާ ހިލާފަށް އިމާރާތްކުރުމުގެ ހުއްދަ ދިން މައްސަލައިގައި، މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އިއްޔެ ފޮނުވައިފި އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭ ސިޓީ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމުގައި މާލޭ ޕްލޭނިންގ ޤަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރަތް ކުރުމަށް، އިމާރާތުގެ ކުރެހުން ފާސްކޮށް އިމާރަތް ކުރުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ދިން މައްސަލަ އޭސީސީން ތަހުޤީޤު ކޮށްފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުޤީޤު ނިންމުމަށްފަހު، އަންގާރަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން މައުލޫމާތު ދެއެވެ. އޭސީސީން ބުނީ، ޝުޖާއުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ކަންހިނގާފައިވާ ގޮތް ހިއްސާ ކުރަމުން އޭސީސީން ބުނީ، މާލޭ ސިޓީގައި އިމާރަތް ކުރަން ހުއްދައަށް އެދޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓު ކަމަށާއި، އެ ބިމުގައި ޕްލޭނިންގ ޤަވާއިދާ އެއްގޮތަށް އިމާރަތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަމަށެވެ. ނަމަވެސް އެ ބިމުގައި ޕްލޭނިންގ ޤަވާއިދާ ޚިލާފަށް 12 މީޓަރަށް އިމާރަތް ކުރުމުގެ ހުއްދަދީ، 15 ޖެނުއަރީ 2014 ގައި ސިޓީ ކައުންސިލުން އެ ހުއްދަ ދޫކޮށްފައިވާ ކަމަށް އޭސީސީން މައުލޫމާތު ދެއެވެ. އަދި އެ ހުއްދަތަކުގައި ސޮއި ކުރައްވާފައިވަނީ ޝުޖާއުކަން ވެސް އޭސީސީން ފާހަގަ ކޮށްފައިވެއެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ބުނީ، މައްސަލާގައި ހަވާލާދެވޭ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި “4 ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއިން 1995 ވަނަ ހުއްދަ ދީފައިވާކަމަށް” މާލޭ ސިޓީކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ އިބްރާހީމް ސުޖާޢު، 14 ޖަނަވަރީ 2014 ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!