263 ނަރުހުން ހޯދަން އިއުލާން ކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ހިދުމަތްދޭ 107 ތަނަކަށް 263 ނަރުހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ 263 ނަރުހުން ހޯދަން ބޭނުންވާ ކަމަށާއި ބޭނުންވަނީ ރަޖިސްޓާޑް ނާރުހުން (ލެވެލް 1) އާއި ސީނިއާ ރަޖިސްޓާޑް ނަރުހުން (ލެވެލް 2) ގެ އިތުރުން ކްލިނިކަލް ނަރުހުން (ލެވެލް 3) ކަމަށެވެ. އެގޮތުން ނަރުހުން ހޯދަން އިއުލާން ކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި 13 ހޮސްޕިޓަލަކާއި 94 ރަށެއްގެ ސިއްހީ މަރުކަޒަކަށް ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ރަޖިސްޓާޑް ނަރުހުން:

  • މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓާޑް ނަރުހަކަށް ކުރިމަތީލާނަަމަ ނާސިންގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުން ޝަރުތުގެ ގޮތުގައި ހިމެނެއެވެ.
  • މުސާރައެއްގެ ގޮތުގައި އެ އިއުލާނުގައި ބުނެފައި ވަނީ 9060 ރުފިޔާ އާއި 9360 ރުފިޔާއާ ދެމެދުގެ މުސާރައެއް ދޭނެ ކަމަށެވެ.
  • އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120 ރުފިޔާ ދޭނެ ކަމަށްވެސް އެ އިއުލާންގައި ވެއެވެ.

ސީނިއާ ރަޖިސްޓާޑް ނަރުހުން:

  • މި މަގާމުގެ ޝަރުތަކީ ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައި ވުމާއެކު، ނާސިން ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
  • މި މަގާމަށް މުސާރައެއްގެ ގޮތުގައި ދިނުމަށް އެ އެއުލާންގައި ބުނެފައި ވަނީ 9670 ރުފިޔާ އާއި 10،160 ރުފިޔާއާ ދެމެދުގެ މުސާރައެއް ކަމަށެވެ.
  • އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 150 ރުފިޔާ ދޭނެ ކަމަށްވެސް އެ އިއުލާންގައި ވެއެވެ.

ކްލިނިކަލް ނަރުހުން:

  • މި މަގާމަށް ކުރިމަތިލާނަމަ ޝަރުތަކީ ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ނާސިން ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
  • މި މަގާމުގެ މުސާރައެއްގެ ގޮތުގައި 10،140 ރުފިޔާއާއި 10،940 ރުފިޔާއާ ދެމެދުގެ މުސާރައެއް ދިނުމަށް އެ އިއުލާންގައި ބުނެފައި ވެއެވެ.
  • އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 188 ރުފިޔާ ދޭނެ ކަމަށްވެސް އެ އިއުލާންގައި ވެއެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން، ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާ އެހެނިހެން ލިއުންތަކާ އެކު [email protected] އަށް އީމެއިލް ކުރުމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!