އެމްޑީޕީގެ ޕީޖީ ލީޑަރަށް އަހަރަކު 9 ލައްކައަށް ވުރެ ގިނަ ރުފިޔާ

މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމަށް މުސާރައިގެ ގޮތުގައި އަހަރެއްގެ ތެރޭގައި ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިލައްވާފައިވާކަން ހާމަވެއްޖެއެވެ.

އާޒިމްގެ މާލީ ބަޔާނުގައިވާގޮތުން އޭނާއަށް މިދިއަހަރުގެ މެއި މަހުގެ 27ން މި އަހަރުގެ މެއި މަހުގެ 28 ށް 930،520.79 (ނުވަ ލައްކަ ތިރީސްހާސް ފައްސަތޭކަ ވިހި. ހަތެއް ނުވައެއް) ރުފިޔާ ލިބިފައިވެއެވެ. އަދި 15.88 ރުފިޔާ އިންޓްރެސްޓުގެ ގޮތުގައި ވަނީ ލިބިލައްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އާޒިމްގެ އެކައުންޓެއްގައި 20،462.01 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުގައި ވާއިރު، ބީއެމްއެލްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގައި 2389.90 ރުފިޔާ ހުރި ކަމަށް ދައްކައެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި 14،451.50 ރުފިޔާ ހުރި ކަމަށް މާލީ ބަޔާނުގައިވާއިރު، އެ ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގައި 102.90 ޑޮލަރު ހުރި ކަން ވަނީ ހާމަވެފައެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އާޒިމްގެ ނަމުގައި ހުޅުވާފައިވާ ދެ އެކައުންޓުގައި 8063 ޑޮލަރު ހުރި ކަމަށާއި 1393.00 ރުފިޔާ ހުރި ކަމަަށް އޭނާގެ މާލީ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް މީގެކުރިން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރަމުންނެއް ނުދެއެވެ. ނަމަވެސް މިފަހުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއެކު ވަނީ މެމްބަރުންގެ މާލީ ބަޔާން ޝާއިއު ކުރަން ފަށާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!