26 އަހަރުގެ ޒުވާން ތެލުގޫ ޓީވީ އެކްޓްރެސް ސުރަވަނީ ކޮންޓައްޕަލީގެ ކުއްލި މަރާއެކު އޭނާގެ އާއިލާއިން ދޭވްރާޖުއާއި ދެކޮޅަށް ހެރެސްމަންޓުގެ މައްސަލަ ޕޮލިހުގައި ފައިލުކޮއްފިއެވެ. ސެޕްޓެމްބަރު 8 ވީ އަންގާރަދުވަހު އަމިއްލަ ގޭގައި ދަންޖެހިފައި ހުއްޓާ ފެނުނު އެކްޓަރެސްގެ ގާތް އެކުވެރިއެއް ކަމަށްވާ ދޭންރާޖު މައްޗަށް އާއިލާއިން މި ދައުވާ ކޮއްފައިވަނީ އެކި ފަހަރު މަތިން ބުލެކްމެއިލްކޮށް ފައިސާ ހޯދުމަށް މަސައްކަތްކޮއްފައިވާތީ ކަމަށް ސުރަވަނީގެ ބޭބެ ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.
އެސްއާރު ނަގަރު ޕޮލިސްގައި ފައިލްކޮއްފައިވާ މި މައްސަލަ ތަހުޤީޤުކުރަމުންދާއިރު ސުރަވަނީގެ ހަށިގަނޑު މިހާރުވަނީ ޕޯސްޓު މޯޓަމް ހެދުމަށްޓަކައި އޮސްމާނިއާ ހޮސްޕިޓަލާއި ހަވާލުކުރެވިފައެވެ. ދޭވްރާޖުގެ މައްޗަށް އާއިލާއިން ހެރެސްމެންޓުގެ މައްސަލަ ހުށައަޅާފައިވާއިރު ދޭވްރާޖުވަނީ ސުރަވަނީ އާއި އެކު ޓިކްޓޮކުންވެސް ފެނިގެންގޮސްފައެވެ.
ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި ހުރެ އެތަށް ގޮތަކުން ސުރަވަނީ އަށް ދޭވްރާޖު ޕުރެޝަރުކޮއްފައިވާކަމަށް އާއިލާއިން ތުހުމަތު ކުރަމުންދާއިރު އާއިލާއިން މި މަރަކީވެސް ސޫސައިޑެއްގެ ގޮތުގައި ޤަބޫލުނުކުރޭފަދަ މޭރުމަކުންވަނީ މީޑިއާއާއި ވާހަކަދައްކާފައެވެ.
ސުރަވަނީގެ މަރާއި ގުޅިގެން ތެލުގޫ ފަންނާނުންގެ ހެޔޮދުއާތަށް ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ. ފާއިތުވި 8 އަހަރުގެ ތެރޭގައި ވަރަށް ގިން ޓީވީ ސީރީސްތަކާއި އެހެނިހެން ޝޯތަކުންވެސް ފެނިގެންގޮސްފައިވާ ސުރަވަނީގެ އެންމެ މަޝްހޫރުވެގެން ގޮސްފައިވަނީ މަނަސޫ މަމަތާ އަދި މޯނަރަގަމްއެވެ.