ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދާއިރާތަކުން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ކަމާއިގުޅޭ ވުޒާރާތަކުގެ ވަޒީރުންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައެއް މުހިންމު ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރިންގެ އަދަދު އެކަށީގެންވާ މިންވަރަށްވުރެ މަދުކަން ފާހަގަކުރައްވައި، އެ ދާއިރާތަކަށް ޚާއްޞަ އިސްކަމެއް ދީގެން އިންސާނީ ވަޞީލަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ، އިންޖިނިއަރިންގ ފަދަ ޓެކްނިކަލް ދާއިރާތަކާއި، އެ ނޫން ވެސް ރާއްޖެއަށް ބޭނުންތެރި މުހިންމު ދާއިރާތައް ދެނެގަތުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މީގެ އިތުރުން، ސަރުކާރުގެ އަމާޒުހުރީ ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަން ޤައުމުގައި ހިފެހެއްޓޭނެ ގޮތަށް ކަންކަން ބައްޓަންކޮށްގެން ދިވެހިންނަށް މިހާރަށްވުރެ ބޮޑަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުން ވަނީ އެ ބޭފުޅުންގެ ވުޒާރާތަކަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ. އަދި ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޚާއްޞަ ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ ޢާއިޝަތު ޢަލީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ޙަސަން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހީމް ޙަސަން، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ ޢަބްދުﷲ މަޢުޞޫމް، އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!