ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ފަހުން ފޮނުވި 10 ވެންޓިލޭޓަރު، ހެލްތު މިނިސްޓްރީން އެދުނު ސްޕެސިފިކޭޝަނަށް ފެތޭ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދުބާއީ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 75 ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އެ ކުންފުނިން ފޮނުވި 10 ވެންޓިލޭޓަރު ސްޕެސިފިކޭޝަނަށް ނުފެތޭތީ، ހެލްތް މިނިސްޓްރީން ވަނީ އެ ވެންޓިލޭޓަރުތައް ގަބޫލުނުކޮށްފަ އެވެ. ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މިދިޔަ ހަފުތާގައި ލިބުނު ޕޯޓަބަލް 10 ވެންޓިލޭޓަރު ބަރާބަރަށް މަސައްކަތް ކުރޭތޯ ބަލާފައިވާ ކަމަށެވެ. ކުރިން ފޮނުވި ވެންޓިލޭޓަރުތަކާ ޚިލާފަށް ހުރިހާ ކަމެއް ވެސް ރަނގަޅު ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.