މިނިސްޓަރުކަމުން ވަކިވާން އަންގަވާނީ ރައީސް: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރުގެ މަޤާމުން ވަކިވާން އަންގާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ކަމަށް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން އެކަހެރިވެވަޑައިގަތުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑަިއގެން އެމްޑީޕީގެ ޗެއާޕާސަނަށް ވަނީ ސިޓީ އެއް ފޮނުއްވާފައެވެ. އެ ސިޓީގައި ރައީސް ނަޝީދު މިނިސްޓަރު ފައްޔާޒަށް ކުރައްވަނީ ކޮރަޕްޝަންގެ ތުހުމަތެވެ. 

އެކަމާއި ގުޅިގެން މިހާރުއަށް ފައްޔާޒު މިއަދު ވިދާޅުވީ ވަޒީރުކަމަށް ޢައްޔަންކުރެއްވީ ވެސް އަދި އެ މަޤާމުން ވަކިކުރައްވާނީ ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްކަމަށާއި އެ މަނިކުފާނުގެ “ލޮލުން ވިޔަސް އެކަހަލަ އިޝާރާތެއް އަޔަސް“ މަޤާމުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވިކަމަށެވެ.

“އެ ސިޓީގައިވާ ދެ ކަމަކަށް އަޅުގަނޑު ކޮމެންޓް ކޮށްލަން ބޭނުން ވަނީ. އެއް ކަމަކީ ސިޓީގައި އެދިވަޑައިގެންފައިވާ ގޮތަށް އެ ސިޓީ އަޅުގަނޑު ވެސް ބޭނުން ރާއްޖޭގެ އެންމެންނަށް ވެސް ފެންނަން. ދެ ވަނަ ކަމަކީ އަޅުގަނޑު މަގާމަށް އައްޔަން ކުރީ ރައީސް (އިބްރާހިމް މުހަންމަދު ސޯލިހު). ރައީސް އެދިވަޑައިގެންފިއްޔާ އެއީ ލޮލުން ވިޔަސް އެކަހަލަ އިޝާރާތެއް ކޮށްލައްވާއިރަށް އަޅުގަނޑު އިސްތިއުފާ ދޭނަން،” ފައްޔާޒް ވިދާޅުވި އެވެ.

ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ އެމްޑީޕީގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ފެނިވަޑައިގަންނަވާ ކަމަށް ދަންނަވަނީ ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!