ޕްރޮކިއުމަންޓް ބޯޑުގެ ގަވައިދު އާއްމުކޮށްފި

ޕޮރޮކިއުމެންޓާ ގުޅޭ ސިޔާސަތުތައް އެކުލަވައިލައި ތަންފީޒުކޮށް، ނިޒާމު ހަރުދަނާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ގަވައިދު އެކުލަވާލައި އާއްމު ކޮށްފި އެވެ.

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ބޭނުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ސިޔާސަތު ކަނޑައަޅައި، ގަވާއިދުތައް ހަދައި ހިންގައި، ގަވާއިދާ އެއްގޮތަށް ޢަމަލުކުރަމުން ގެންދޭތޯ ބެލުމެވެ. އަދި ފިޔަވަޅު އަޅާ މުސްތަޤިއްލު ފަރާތެއް ކަނޑައަޅާ އެ މަސައްކަތް ވިލަރެސްކުރުމާއި، ޕްރޮކިއުމަންޓް މަސައްކަތް ކުރާ ފަރާތްތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި، ބީލަންވެރިންނަށް ދެފުށް ފެންނަ ވާދަވެރި ބީލަމުގެ މާޙައުލެއް ޤާއިމުކޮށް ދިނުމަކީވެސް މި ބޯޑުގެ މަޤްސަދެކެވެ.

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ހިންގާ ޤަވައިދު ފާސްކޮށް މިހާރު ގެޒެޓްކޮށްފައިވާއިރު މި ބޯޑަށް 7 މެންބަރަކު މިހާރު ވަނީ އައްޔަންކޮށްފައެވެ. މި ބޯޑުގައި ތިއްބަވާ ބޭފުޅުންނަކީ
– ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި،
– ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަރީފް
– އަޖްވަދު މުސްތަފާ ( އެންވަޔަރަމަންޓް މިނިސްޓްރީ )
– ޝުހާދު އިބްރާހީމް ( އިކޮނޮމިކް މިނިސްޓްރީ )
– ޝިފާޒް އަލީ ( މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ )
– އިބްރާހިމް ނައީމް ( އޮޑިޓަރ ޖެނެރަލް އޮފީސް )
– މުޙައްމަދު އާދިލް ( ޕްރައިވެޓް ސެކްޓަރ )

ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުގެ ޤަވާއިދުގައިވާ ގޮތުން މެންބަރުން ޢައްޔަނު ކުރާނީ 3 އަހަރުދުވަހުގެ ދައުރަކަށެވެ. ކޮންމެ 3 އަހަރަކުން އެއްފަހަރު މަދުވެގެން ދެބައިކުޅަ އެއްބައި މެންބަރުން ބަދަލުކުރަންވާނެކަމަށް ހިންގާ ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. ބޯޑުގެ ޗެއަރ ޕަރސަން ޢައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ވައިސް ޗެއަރޕަރސަން ޢައްޔަނު ކުރާނީ މިނިސްޓަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!