ފައްޔާޒު މަގާމުން ދުރަށް ވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް އަންގަވައިފި އެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް ފޮނުއްވި ސިޓީއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ފައްޔާޒް މަގާމުން އެކަހެރިވެ ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ކޮރަޕްޝަން ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަކަށް ބެލުމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެމަނިކުފާނާއި ހަވާލުވެފައިވަނީ ސިޔާސީ މަަސައްކަތްކަމަށްވެސް ވިދާޅުވިއެވެ.

“މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،” ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި އެމްޑީޕީގެ އެއްވެސް މެންބަރަކާއި ޒާތީ މައްސަލައެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ. ހަމަ އެފަދައިން އެއްވެސް މިނިސްޓަރަކާއިވެސް ޒާތީ މައްސަލައެއް ނޯންނާނެކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ފޮނުއްވި ސިޓީގައި ވަނީ ބަޔާންކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!