ޕީޕީއެމް އަދި ޕީއެންސީން މިނިވަންކަމުގެ ވާހަކަ ދެއްކުމުން ވަނީ ޖޯކަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީން މިނިވަންކަމުގެ ވާހަކަ ދެއްކުމުން ވަނީ ޖޯކަކަށް ކަމަށާއި އޭނާގެ ހަޔާތުގެ 43 އަހަރުގައި މިނިވަންކަން އެންމެ ބޮޑަށް ގެއްލުނުކަމުގެ އިހްސާސް ކުރެވުނީ ރައީސް ޔާމީންގެ 5 އަހަރުގައި ކަމަށެވެ.
އެތައް ބަޔަކު ސިޔާސީ ބޭނުމަށް ޖަލަށް ލަފައިވާ ކަމަށާއި އެގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ޖަލަށް ލާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
“ސިޔާސީ ބޭނުމަކަށް ޓަކައި އެތައް ބަޔަކު ޖަލަށްލި، ދެން ޖަލަށް ދާން ޖެހޭނީ ކާކު ކަމުގެ ބިރުވެރިކަން ރައްޔިތުންގެ ތެރޭގައި ފެތުރިފައި އޮތީ، ގާނޫނު ހަދާ މަޖިލިސް ވެސް ބަންދުކޮށްފައި އޮތީ، ރައްޔިތުން އިންތިހާބު ކުރި މަޖިލީހުގެ މެންބަރުންތަކެއް ވެސް ދާން ޖެހުނީ ޖަލަށް،” ރޮޒައިނާ ވިދާޅުވިއެވެ.
ނަމަވެސް ހަމަ އެ ސަރުކާރުގެ މީހުން މިހާރު މި ދައްކަނީ އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށާއި ނަމަވެސް ރާއްޖެ އަށް މިނިވަންކަން ލިބުނީއްސުރެ އިންޑިއާއިން ރާއްޖެއަށް އެހީތެރިވުން ނޫން ކަމެއް ނުކުރާ ކަމަށް ރޮޒެއިނާ ވިދަޅުވިއެވެ.
ރޮޒެއިނާ އިތުރަށް ވިދާޅުވީ އިންޑިއާ އިން ރާއްޖެ ބަންދު ނުކުރާ ކަމަށާއި ޕެޕާ ސްޕްރޭ ވެސް ނުޖަހާ ކަމަށާއި އަދި ރާއްޖޭގެ ފަނޑިޔާރުންވެސް ޖަލަށް ނުލާ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ އެހިތެރިކަން ބޭނުންވާ ވަގުތުު އިންޑިއާއިން އެހީތެރިކަން ފޯރުކޮސްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.