މަދުބާލާގެ ފޭނުންނަށް އުފާވެރި ޙަބަރެއް!

ކަލާޒް ޓީވީއިން މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް ޑްރާމާ ސިލްސިލާ ކަމަށްވާ “މަދުބާލާ- އެކް އިޝްގް އެކް ޖުނޫން” އަލުން ދައްކަން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރީގެ ބައެއް ޝޯތައް އަލުން ފަށައިގެން ދައްކަމުންދާއިރު، “މަދުބާލާ” ވެސް އަލުން ޓީވީއަށް ގެންނަން ކަލާޒުން ނިންމީ އެއީ އަދި އަދަށް ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ “ކްލެސިކް” ޝޯއަކަށް ވީތީއެވެ.

“މަދުބާލާ” ގެ ލީޑު ރޯލުތައް ކުޅެފައިވަނީ މަޝްހޫރު ޓީވީ އެކްޓްރެސް ދްރާޝްތީ ދާމީ އާއި އެކްޓަރު ވިވިއަން ޑްސޭނާއެވެ. މި ޝޯ އަލުން ދައްކަން ނިންމުމާ ގުޅިގެން ވާހަކަ ދައްކަމުން ވިވިއަން ބުނީ އެއީ އޭނާއަށް ވަރަށް ޙާއްސަ ޝޯއެއް ކަމަށާއި، އޭނާގެ ކެރިއަރު ކާމިޔާބު ކޮށްދިން ޝޯއެއް ކަމަށެވެ. “އާރްކޭ ގެ ރޯލަކީ އަހަންނަށް ވަރަށް ހާއްސަ ރޯލެއް. މަދުބާލާއަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއް، އެހެންވެ މީހުން އަދިވެސް އޭތި ބަލައި އޭގެ ވާހަކަ ދައްކަނީ”، ވިވިއަން ކިޔައިދީފައިވެއެވެ.

މީގެ އިތުރުން ވިވިއަން ބުނީ، އަލުން އެ ޝޯ ދައްކަން އުޅޭތީ ވަރަށް އުފާވާ ކަމަށާއި، ބެލުންތެރިން އަނެއްކާވެސް ޝައުގުވެރިކަމާއެކު ބަލާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. “މަދުބާލާ އަކީ ވަރަށް ބުރަ މަސައްކަތެއް. ބެލުންތެރިން އޭތި ބަލައިގަނެ، އެ ޝޯދެކެ ވާ ލޯބި ފެނިފަ ވަރަށް ފަހުރުވެރިވޭ”، ވިވިއަން ހާމަކުރިއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު މެންދުރުފަހު 2 ޖަހާއިރު “މަދުބާލާ” ދައްކާނެ ކަމަށް ކަލާޒް ޗެނަލުން ބުނެއެވެ. “މަދުބާލާ” ގެ އިތުރުން އަލުން ދައްކަން ފަށާފައިވާ ކުރީގެ ޝޯތަކުގެ ތެރޭގައި “ބަލިކާ ވަދޫ” އަދި “ސަސުރާލް ސިމަރް ކާ” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!