ސުޝާންތުގު ފޭނުން އުފާފައުޅުކުރަން ފަށައިފި

މިއަދަކީ ކާމިޔާބީގެ ދުވަހެއްކަމަށްބުނެ ސުޝާންތު ސިންގު ރާޖުޕުތުގެ ފޭނުން އުފާފައުޅުކުރަން ފަށައިފިއެވެ. ސުޝާންތު ސިންގު ރާޖުޕުތުގެ މަރުގެ މައްސަލަ އެންމެ ފުރަތަމަ ބަލަމުންދިޔަ މުމްބާއީ ޕޮލިސް އެއީ އަމިއްލައަށް މަރުވި މަރެއްކަމުގައި ގާތްގަޑަކަށް ކަޑައަޅާފައިވަނީކޮށް އެކަމުގައި ގޯސްތަކެއް އުޅޭކަމަށްބުނެ އެ މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށް ގޮވާލި ޒުވާން އެކްޓަރުގެ ފޭނުން މިއަދު އުފަލުން ހެއްވާލައިފިއެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ސުޝާންތުއަށް އިންސާފު ހޯދައިދިނުމަށް ފޭނުންނާއި އާއިލާއިން ކުރަމުންއައި މަސައްކަތަށް ރިއާ ހައްޔަރުކުރުމާއި ގުޅިގެން ބޮޑުކުރިއެރުމެއް ލިބިއްޖެއެވެ.

އުފާވެރިކަމާއި މަރުޙަބާގެ ޕޯސްޓުތަކުން މުޅި ސޯޝަލް މީޑިއާ ފުރާލާފައިވާއިރު ބައެއް މީހުން ބުނެފައިވާގޮތުގައި މިއީ މުޅި އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ. އަދި އަނެއްބަޔަކު ބުނެފައިވާގޮތުގައި އުއްމީދުގެ ހުޅުކޮޅުދިއްލި އިންސާފް ވަރަށް އަވަހަށް ކުއްވެރިންނާ އަރާހަމަކުރާނެ ކަމުގެ ޔަޤީންކަން ރިއާ ހައްޔަރުކުރުމާއި އެކު ލިބިގެން ހިގައްޖެއެވެ.

އަނެއްބަޔަކު މަގުތަކުގައި އީދު ފާހަގަކުރާފަދައިންވެސް އުފާ ފައުޅުކޮއްފައިވެއެވެ. މިހާލަތުގައި ސުޝާންތުގެ ދައްތަވެސް ވަނީ މައްސަލަ ނިމެނީ ހަޤީޤަތާއި އެއްކޮޅަށްކަމަށްބުނެ ޓްވީޓްކޮއްފައެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާގޮތުގައި މިއަދު ސުޝާންތު ކޮންމެތަނެއްގައި ހުރިނަމަވެސް މި ކާމިޔާބީއަށްޓަކައި އުފާކުރާނެކަމަށްވެސް ބުނެފައިވެއެވެ.

ރިއާގެ މައްޗަށް ސުޝާންތުއަށް ޑުރަގު ދިންކަމާއި އޭނާ ޑިޕްރެޝަން ބަލިމީހެއްގެ ގޮތުގައި ދުނިޔެއަށް ދައްކަން މަސައްކަތްކުރިކަމުގެ އެތަށް ތުހުމަތުތަކެއް ކުރަމުންދާއިރު ރިއާ ވަނީ ޑުރަގުގެ މުއާމަލާތްތަށް ކުރި ނަމަވެސް އޭނާ ޑުރަގު ބޭނުން ނުކުރާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް 21 ސެޕްޓެމްބަރާއި ހަމައަށް ރިއާ ޖަލަށްލުމަށް އިންޑިއާގެ ކޯޓުންވަނީ މިރޭ ހުކުމްކޮއްފައެވެ. އެންސީބީއިން މައުލޫމާތު ދިންގޮތުގައި ރިއާ ހައްޔަރުކޮއްފައިވަނީ ޑުރަގުގެ މުއާމަލާތް ކުރާކަމަށް އެކަށީގެންވާ ހެކި ލިބިފައިވާތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!