ޑްރަގް މާފިއާ އާއި އަހަރެންނާ އެއްވެސް ގުޅުމެއް އޮތް ކަން ސާބިތުކޮށްދީފި ނަމަ މުމްބާއީ ދޫކޮށް ދާނަން: ކަންގަނާ

އިންޑިއާގެ ފިލްމީ ތަރި ކަންގަނާ ރަނާއުތް އަކީ ތެދު ހާމަކުރުމަށްޓަކައި ބުނަން ޖެހޭ އެއްޗެއް ފަސް ޖެހުމެއް ނެތި ބުނަމުންދާ ތަރިއެކެވެ.

ދާދި ފަހުން މަރުވި އެކްޓަރު ސުޝާންތު ސިންގްހް ރާޖްޕުތުގެ މަރާއި ގުޅިގެން ކަންގަނާ އަންނަނީ ބޮލީވުޑުގެ ތެރޭގައިވާ އެތައް ސިއްރުތަކެއް ހާމަކުރަމުންނެވެ. އެގޮތުން ސުޝާންތުގެ މަރުގެ ތަހުގީގުގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ ޗެޓްލޮގު ތަކުން ރިއާ މަސްތުވާތަކެތި ގަނެވިއްކުމުގައި ޝާމިލްވެފައިވާ ކަމަށާއި ރިއާ ސުޝާންތުއަށް ނޭނގި އޭނާއަށް ޑްރަގް ދީފައިވާ ކަން ވަނީ އެނގިފައެވެ.

މިކަމާއި ގުޅިގެން ކަންގަނާ ބުނީ ބޮލީވުޑްގެ ގިނަ އޭ ލިސްޓު ތަރިންނަކީ ޑްރަގު ބޭނުން ކުރާ މީހުން ކަމަށާއި، ނާކޮޓިކްސް ބިއުރޯއިން އިތުރު މައުލޫމާތު ބޭނުންވާނަމަ އެ މައުލޫމާތުވެސް ދޭން އޭނާ ތައްޔާރަށް ހުރި ކަމަށެވެ. ކަންގަނާ ބުނީ ފިލްމް އިންޑަސްޓްރީގައި އެންމެ މަޝްހޫރު އެއްޗަކީ ކޮކެއިން ކަމަށާއި ކޮންމެ ހައުސް ޕާޓީއެއްގައި ވެސް އެ ބޭނުން ކުރާ ކަމަށެވެ. މީގެ އިތުރުން އެމްޑީއެމްއޭ ކްރިސްޓަލްސް ފެނަށް ގިރުވައިގެން ޕާޓީތެރޭގައި މީހުންނަށް ނޭންގި ދޭ ކަމަށްވެސް ކަންގަނާ ބުންޏެވެ.

މިވާހަކަތަކާއި ގުޅިގެން މަހާރަސްތްރާގެ ހޯމް މިނިސްޓަރު ކުރި ޓްވީޓެއްގައި ބުނީ ކަންގާނާ ޑްރަގް ބޭނުން ކުރާ ކަމަށާއި، ކަންގަނާގެ ކުރީގެ ލޯބިވެރިޔާ އަދްޔަން ސުމަން އަށް ގަދަކަމުން ޑްރަގް ދީފައިވާ ކަމަށް ބުނެ ދެމީހެއްގެ ފަރާތުން ކަންގަނާ އާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މިކަމަށް ރައްދު ދެމުން ކަންގަނާ ބުނީ ފުލުހުން އޭނާގެ ޑްރަގް ޓެސްޓުތައް ހެދުމަށާއި ފޯނު ރެކޯޑުތައް ވެސް ބެލުމަށް އެދޭކަމަށެވެ. އަދި އެފަދަ އެއްވެސް މުއާމަލާތެއް ފެނިއްޖެނަމަ އަބަދުގެ އަބަދަށް މުމްބާއީ ދޫކޮށް ދާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!