ގާސިމްގެ މިލްކިއްޔާތު, ބިލިޔަނަކަށް ވުރެ ގިނަ!

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު އެއް ބިލިޔަން ރުފިޔާއަށް އަރާއިރު، މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 މިލިޔަން ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު އާއްމުކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މާލީ ބަޔާނުގައި ބުނާ ގޮތުން އޭނާއަށް މި އަހަރު ފެށުނީއްސުރެ މިދިޔަ މަހުގެ 29އަށް، އެންމެ ގިނަ ފައިސާ ލިބިވަޑައިގަތީ މަޖިލީހުގެ މެމްބަރު ކަމުގެ މުސާރައިންނާއި ބައެއް ކުންފުނިތަކުގެ ނެޓް މުސާރައިންނެވެ. އެގޮތުން 9.5 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެގޮތަށް އޭނާއަށް ލިބިވަޑައިގަތެވެ. އަދި މާފަންނުވިލާ ގުދަނާއި ފުޅޮއި ގަރާޖު ކުއްޔަށް ދީގެން، 1.7 މިލިޔަން ރުފިޔާ ލިބިވަޑައިގެންނެވި އިރު، ކުންފުނިތަކާއި ޕާޓްނަޝިޕްގެ ހިއްސާގެ ފައިދާއިން 188،000 އަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބިވަޑައިގެންނެވި އެވެ.

ގާސިމްގެ ނަން މަތީގައި 24 ކުންފުންޏެއް ހިންގަވާއިރު، އޭގެ ތެރޭގައި ވިލާ އެއާ، ޓްރާންސްޕޯޓު، ވިލާ ހަކަތަ އާއި ވިލާ ޝިޕިން، ހޮލިޑޭސް، އެޑިއުކޭޝަން ހިމެނެ އެވެ. އަދި ހޮރައިޒަން ފިޝަރީޒް އާއި މީޑިއާނެޓާއި އައިލެންޑް އެންޓަޕްރައިސަސް ފަދަ ކުންފުނިތަކުގެ ޗެއާމަނަކީ ވެސް އޭނާ އެވެ.

މާލެ އާއި އުފަން ރަށް، އދ. މާމިގިލީގައި ހަތް ބިމެއް އޮވެ އެވެ. އެއް މިލިއަން ޑޮލަރުގެ ފްލެޓެއް ވެސް ވަނީ ބައްލަވައިގެންފަ އެވެ. އަގުގެ ގޮތުގައި 94 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަރާ އެ ބިންތަކާއި ފްލެޓް އޭނާ ގަތީ ވިޔަފާރި ނަފައިންނާއި ލޯނު ނަގައިގެންނެވެ.

އޮޑިދޯނި ފަހަރާއި އެއްގަމު އުޅަނދުތަކަށް ބަލާއިރު، ގާސިމްގެ މިލްކިއްޔާތުގައި ތިން ކާރު އޮވެ އެވެ. އެއީ 1.3 މިލިޔަން ރުފިޔާގެ ބީއެމްޑަބްލިއު ކާރަކާއި ހަމަ އެ އަގަށް ގަނެފައިވާ މާސިޑީޒް ބެންޒް ކާރަކާއި އަށް ލައްކަ ރުފިޔާއަށް ގަނެފައިވާ ޕިއުގޮޓް ބްރޭންޑްގެ ކާރެކެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އެކައުންޓްތަކުގައި ގާސިމް ވަނީ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ އާއި 5،000 އަށް ވުރެ ގިނަ ޑޮލަރު ރައްކާ ކުރައްވައިފަ އެވެ. އަދި ރާއްޖޭން ބޭރުގެ އެކައުންޓްތަކުގައި 2،402 ޑޮލަރު ރައްކާކުރައްވާފައި ވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!