ރައީސް އޮފީހަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޤާސިމް އަވަހާރަވުމުން ރައީސްގެ ތަޢުޒިޔާ

39 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރައީސް އޮފީހަށް ޚިދުމަތް ކޮށްދެއްވާފައި ވަނިކޮށް އަވަހާރަވި ގަލޮޅު ޓޮޕާޒް މުޙައްމަދު ޤާސިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޤާސިމްގެ އަނބިކަނބަލުން ނަފީސާ މުޙައްމަދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ނަފީސާއަށާއި ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި އަލްމަރްޙޫމް މުޙައްމަދު ޤާސިމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 39 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި 14 ނޮވެންބަރު 1968ން ފެށިގެން 1 މޭ 2008 ގައި ރިޓަޔަރ ކުރެއްވުމާ ހަމަޔަށް މުޙައްމަދު ޤާސިމް ޚިދުމަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފައިސާއާ ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމުގައެވެ.

ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓް އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާ ހަމައަށް ވަޑައިގަތީ މުޙައްމަދު ޤާސިމްގެ އަމާނާތްތެރިކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަލްމަރްޙޫމް މުޙައްމަދު ޤާސިމް ސަރުކާރަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 15 ޖޫން 1964 ގައެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 15 ޖޫން 2004 ގައެވެ. ފުރަތަމަ އަދާ ކުރެއްވީ ވުޒާރަތުލް މަޢާރިފުގެ ކާތިބުކަމުގެ ވަޒީފާއެވެ. 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓް އެންޑް އެކައުންޓްސް ބަލަހައްޓާ ކަމާއި، ފައިނޭންޝަލް ކޮންޓްރޯލަރ ކަމާއި، ޑެޕިޔުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!