އައްޑޫ ސިޓީގެ 4 ސަރަހައްދެއް ހިމާޔަތް ކުރަނީ

އައްޑޫ ސިޓީގެ ހަތަރު ސަރަހައްދެއް ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ހިމާޔަތް ކުރަން ނިންމާފައިވަނީ އައްޑޫ ސިޓީ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅިގެ އިތުރުން ހުޅުދޫ މާފިށި ކިޅި އާއި (ކޭވަކާ ގޮނޑޮ) ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި އެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ހަތަރު ސަރަހައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ސެޕްޓެންބަރު 30، 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ.

އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއިން އައްޑޫ ސިޓީގެ 97 ޕަސެންޓް ރައްޔިތުން ބޭނުންވާތީ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު މިއަދު ކަރުދާސް ހުށަހަޅުއްވަމުން ވަނީ ވިދާޅުވެފައެވެ. އަދި މި ސަރަހައްދުތައް ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާއި އެކި ސިނާއަތްތަކާވެސް މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަޙައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!